11 Jul 2017, 15:07
އަނބިމީހާއަށް އަނިޔާ ކުރި ހއ. ހޯރަފުށީ މީހަކު 6000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އަނބިމީހާ އަށް އަނިޔާ ކުރި ކަން އެ ފިރިހެން މީހާގެ މައްޗަށް ސާބިތުވެފައި ވަނީ އޭނާ އަމިއްލައަށް ކުށަށް އިއުތިރާފު ވެފައިވާތީ ކަމަށެވެ.
އެމީހާ އޭނާގެ އަންހެނުންނަށް އަނިޔާކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ. އެ ފިރިހެންމީހާ ވަނީ އަންހެންމީހާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި، އަންހެންމީހާ ލައިގެން ހުރި ހެދުން ވީދާލައި އަނބިމީހާގެ ބަނޑުގައި ފައިން ޖަހާފައިވާ ކަމަށް އިއުތިރާފުވެފަ އެވެ.
އެމީހާ ޖޫރިމަނާކޮށްފައި ވަނީ، ގާނޫނުލް އުގޫބާތުގެ 59 ވަނަ މާއްދާގެ (ހ) އަށް އެ ގާނޫނުގެ 120 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރާއި 1106 (ށ) އާއި ހަވާލާދީ އެ ގާނޫނުގެ 1005 ވަނަ މާއްދާގެ ދަށުންނެވެ.
ގާޒީ ވަނީ ޖޫރިމަނާގެ ފައިސާ އެ ހުކުމްކުރި ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކޯޓަށް ދައްކާ ނިންމުމަށް އަމުރުކޮށްފަ އެވެ.