11 Jul 2017, 15:30
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް އިންތިހާބު ކުރާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތް ހަދަން ޖެހޭ އުސޫލު ގާއިމު ކުރަން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް، އެމްޑީއޭގެ މަޖިލިސް މެމްބަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާމް ވިދާޅުވީ މަޖިލީހުގެ މެމްބަރުން މިލިއަނުން ފައިސާ ނެގިތަން ފެނުމުން "ސަހަރޯއޭ ހިތަށް އެރި" ކަމަށެވެ.
"މިއީ ކޮންފަދަ މަޖިލީހެއްތޯ ވެސް ހިތަށް އެެރި. ވަރަށް ހިތާމަކުރިން،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ ޕާޓީގެ ލީޑަޝިޕުން ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
އެމްޑީއޭގެ މަޖިލިސް މެމްބަރުން ވެސް ހޮވާފައި ވަނީ ޕާޓީން ޓިކެޓްދީގެން ޕާޓީގެ ލީޑަރުން އަތްވާއި ވާރޭގައި ކުރި ބުރަ މަސައްކަތުން ކަމަށް ސިޔާމް ވިދާޅުވި އެވެ. އެގޮތަށް ކަންތައްތައް ހިނގާފައި ވަނިކޮށް "ޕާޓީއަށް ގައްދާރުވެ އެހެން ޕާޓީއަކަށް ދިއުމަކީ" އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫން ކަަމަށް ސިޔާމް ވިދާޅުވި އެވެ.
އެމްޑީއޭގެ މަޖިލިސް މެމްބަރުންނާއި އެމްޑީއޭ އޮތީ ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލައަށް ތާއީދުކޮށްގެން ކަމަށް ސިޔާމް މިއަދު ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަކީ އެންމެ ކޮރަޕްޓް މުއައްސަސާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރުނު ރިޕޯޓެެއްގައި ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ދައުލަތުން ހުށަހެޅި ގޮތަށް ނިންމުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭނެ ކަމެއް ކަމަށެވެ.
އިސްލާމް ދީނުގައި ކޮރަޕްޝަނަކީ ކިހާ ނުބައި ކަމެއްކަން އެންމެނަށް ވެސް އެގޭނެ ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި މަޖިލީހުގެ މެމްބަރުން ވޯޓަކަށް ނުވަތަ ޕާޓީ ބަދަލުކުރަން ފައިސާ ނެގުމަކީ އެމީހެއްގެ އަނބިމީހާއާ އެމީހާ ވެސް ނަރަކައަށް އެއްލާލުން ކަމުގައި ސިޔާމް ފާހަގަކުރެއްވި އެވެ.
އެބޭފުޅަކު އިންތިހާބުވާ ޕާޓީ ބަދަލު ކުރުމުން މެމްބަރު ކަމުގެ ގޮނޑި ގެއްލޭގޮތަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް ތާއީދު ކުރައްވައި ސިޔާމް ވިދާޅުވީ އެއީ މާކުރިން މަޖިލީހުގެ މެމްބަރުން ވޯޓު ލައިގެން ނިމިފައި އޮންނަންވީ ކަމެއް ކަމަށެވެ.
މަޖިލީހުން ނަގާ އެކި އެކި ޥޯޓާ ގުޅިގެން މެމްބަރުން ބޮޑެތި އަދަދުތަކުން ފައިސާ ނަންގަވާ ކަމަށް ސިޔާމް ތުހުމަތު ކުރެއްވި އެވެ.
"އެއް ޕާޓީން އަނެއް ޕާޓީއަށް ވަކިވުމަށްދޭ އެތައް މިލިއަން ރުފިޔާއެއްގެ ސަބަބުން މަޖިލީހުން މިވަނީ މި ގާނޫނު ފާސް ނުކުރެވިފައި،" ސިޔާމް ވިދާޅުވި އެވެ.
ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައިވާ ގޮތުން ޕާޓީ ވަކިވިޔަސް ޕާޓީން ވަކި ކުރިޔަސް މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ އެވެ. އެކަމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ޕީޕީއެމް އެމްޑީއޭގެ މަޖިލިސް މެމްބަރުންގެ ޖުމްލައަކީ 40 އެވެ.