މިދިޔަ މަހުގެ 5 ވަނަ ދުވަހު ދުނިޔޭގެ ހަބަރުތައް ފަތުރާ އިދާރާތަކުން އެންމެ ގަދަޔަށް ދެއްކި ވާހަކައަކީ ސައުދީ އަރަބިއާ އިސްކޮށްއޮވެ، ގަލްފްގެ ބޮޑެތި ގައުމުތަކުން އެގައުމާ އެކު އޮތް އިގްތިޞާދީ އަދި ސިޔާސީ ގުޅުންތައް ކަނޑާލާ ވާހަކަ އެވެ.

މިކަންވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަށް އެދުވަސްވަރު ކުރެއްވި ދަތުރުފުޅެއްގައި ގަތަރަކީ ޓެރަރިސްޓް ޖަމާއަތްތަކަށް ފަންޑު ކުރާ ގައުމެއްކަމުގައި ތުހުމަތު ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ގަތަރުގެ ނޯތް ފީލްޑްގެ އިންފްރާސްޓްރަކްޗާ --- ފޮޓޯ: ޒީރޯހެޖް

މިއަށް ފަހު ދިވެހިރާއްޖެ އިން ވެސް ވަނީ ގަތަރާ އެކު އޮތް ގުޅުން ކަނޑާލަނީ ކަމަށް އިއުލާންކޮށްފަ އެވެ.

މި މައްސަލާގައި އެންމެ ފަހުން އިވުނު ހަބަރަކީ އެމެރިކާގެ ސްޓޭޓް ސެކެޓްރީ މިމައްސަލަ ހައްލުކުރުމަށް ޓަކައި ކުވައިތަށް އިއްޔެގެ ވަގުތެއްގައި ޒިޔާރަތްކުރިކަމެވެ.

މިހާ ހިސާބަށް މި މައްސަލަ ކުރިޔަށް ގޮސްފައިވާ އިރު ގިނަ ބަޔަކު ބުނަމުން އަންނަނީ މިއީ ސައުދީ އަރަބިއާ ފަހަތުގައި އޮވެގެން ދުރާލާ ރޭވިގެން އައި ކަމެއްކަމުގަ އެވެ. އަދި ގަތަރަށް ފިއްތުންތަކުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅީ އެގައުމުން ޓެރަރިސްޓުންނަށް ފަންޑުކުރާތީއެއް ނޫނެވެ.

ގަތަރަށް ދިމާވެފައިވާ މައްސަލައިގެ އަސްލުު މިއާ މުޅިން ތަފާތުކަމަށް ބައެއް ނޫސް މީޑިއާތަކުން ކަށަވަރުކުރެ އެވެ.

ގަތަރުގެ މައްޗަށް ކުރިމަތިވެފައިވާ ފިއްތުންތަކުގެ ހަގީގީ ސަބަބަކީ ގަތަރުން ދުނިޔޭގެ ބާޒާރުގައި ކުރާ ގުދުރަތީ ގޭހުގެ ފުޅާކަމުން އެގައުމު ގަލްފް ސަރަހައްދުގައި ވަރުގަދަ ވެގެންދާނެކަމުގެ ބިރު ގަލްފް ސްޓޭޓް ކޮންޓްރޯލު ކުރާ ސައުދީއަށް ހީވުމުގެ ސަބަބުންނެވެ.

ސައުދީ އަރަބިއާ އަދި ގަލްފުގެ ގިނަގައުމުތަކަކީ ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ގައުމުތަކަކަށްވާ އިރު އެމެރިކާއަށް ތެޔޮ އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓް ކުރާ ގައުމަކީ ވެސް ސައުދީ އަރަބިއާ އެވެ. ނަމަވެސް ގަތަރުގެ ވިޔަފާރި މިއާ މުޅިން ތަފާތެވެ. އެމީހުން ދުނިޔޭގެ ބާޒާރުގައި ތެލުގެ ވިޔަފާރީގެ ހިއްސާ އޮންނަނީ ގާތްގަނޑަކަށް އެންމެ ފަސް ޕަސެންޓެވެ. އެކަމަކު އެގައުމުން ދުނިޔޭގެ ބާޒާރުގައި ގުދުރަތީ ގޭހުގެ ވިޔަފާރީގައި ގާތްގަނޑަކަށް 30 ޕަސެންޓްގެ ހިއްސާ އޮވެ އެވެ.

ގަތަރުން ދުނިޔޭގެ ބާޒާރުގައި ތެޔޮއަދި ގުދުރަތީ ގޭހުގެ ވިޔަފާރީގެ ހިއްސާ --- ފޮޓޯ: ބްލޫމްބާގް

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ގަތަރުގެ ގުދުރަތީ ގޭހުގެ ވިޔަފާރިން ލިބޭ ފައިދާ، އެގައުމުގެ ބޮލަކަށް ގާތްގަނޑަކަށް 130،000 ޔޫއެސް ޑޮލަރު އަހަރެއްގެ މައްޗަށް ޖެހޭކަމުގައިވެ އެވެ. ދުނިޔޭގެ ގުދުރަތީ ގޭހުގެ ބާޒާރުގެ އެންމެ ބޮޑު އެކްސްޕޯޓާއަކީ ވެސް ހަމަ ގަތަރެވެ. މިހެންވުމުގެ ސަބަބުން ގަތަރުގެ އެތެރޭގެ މުއްސަނދިކަން ދިޔައީ އިތުރުވަމުންނެވެ. މިއީ ހުސްއެކަނި ގޭހުގެ ފައިދާ އެވެ.

ދުނިޔޭގައި އެންމެ ވަރުގަދައަށް ފުޅާވަމުން އައި އަދި އެންމެ ވަރުގަދައެއް އެއާލައިން ވެސް ނިސްބަތްވަނީ ގަތަރަށެވެ. މީގެ އިތުރުން އެގައުމަށް ތެލުގެ ވިޔަފާރިން ވެސް އެކަށީގެންވާ ފައިދާއެއް ކުރެ އެވެ. އަދި މީގެ އިތުރުން އެގައުމުގެ ބޮޑެތި އިންވެސްޓްމެންޓްތަކެއް އިނގިރޭސިވިލާތުގައި އަދި ޔޫރަޕުގައި ވެސް އެބަހުއްޓެވެ. މީގެ ބައެއް މިސާލުތަކަކީ ލަންޑަނުގައި ހުންނަ ޝާޑް ބިލްޑިންގް އަދި ހެރޮޑްސް ޑިޕާޓްމަންޓް ސްޓޯ އެވެ. މީގެ އިތުރުން ގަތަރު އިންވެސްޓްމެންޓް އޮތޯރިޓީގެ ދަށުން ޔޫރަޕުގެ ސަރަހައްދުގައި ވެސް ތަފާތުއެކި ވިޔަފާރީގެ ހިއްސާ ގަތަރު ސަރުކާރުގެ އޮވެ އެވެ.

ކަން މިހެން ހުރުމާ އެކު ގަތަރުވެގެން ގޮސްފައި ވަނީ ގަލްފް ސަރަހައްދުގެ އެންމެ މުއްސަނދި އެއް ގައުމަށެވެ. އަދި ގައުމުގެ އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު ގަތަރުގައި ސައުދީ އަރަބިއާއަށް ވުރެ މައްޗެވެ. މިހެންވެ ގަތަރު ގަލްފު ސަރަހައްދުގައި ސައުދީއަށް ވުރެ ބާރު ގަދަވުމުގެ ފުރުޞަތުއޮތީ ބޮޑުވެފަ އެވެ. އަނެއްކޮޅުން އެގައުމުން ގެންދިޔައީ ސީރިއާ-އީރާން މަގުން "ޑްރީމް ޕައިޕްލައިން" އެއް ޔޫރަޕާ ގުޅާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މިގޮތަށް ކަންތައް ވެއްޖެ ނަމަ ގަތަރަށް ލިބޭ "ލެވަރެޖް" ބޮޑުވާނެ އެވެ. މިއީ ގަލްފް ސަރަހައްދުގެ ގަދަބާރުގެ ގޮތުގައި އޮތް ސައުދީއަށް ނުރައްކާ ވެދާނެ ކަމެއްކަމުގައި ބައެއް ނޫސް މީޑިއާތަކުން ބުނެ އެވެ.

މަސްދަރު: ބްލޫމްބާގް، ޒީރޯހެޖް