ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވައި ހުތުބާ ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީގެ ކުރިން ހަތަރު ފަހަރަކު ޑރ. ބިލާލް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި މިފަހަރު އޭނާ ރާއްޖެ ވަޑައިގަންނަވާނީ ރާއްޖޭގެ ދީނީ ހަރަކާތްތައް ހިންގާ ޕީސް ފައުންޑޭޝަންގެ ދައުވަތަކަށެވެ.

ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސޮބާހު މިއަދު ވިދާޅުވީ، ހުކުރު ހުތުބާ ދެއްވާނީ "އުފާވެރިކަމުގެ ހަބަރެއް" މި މައުޟޫގެ މައްޗަށް ކަމަށާއި އިނގިރޭސި ބަހުން ދެއްވާ ހުތުބާގެ ދިވެހި ހުލާސާއެއް، ހުކުރަށް ވަޑައިގަންނަވާ މީހުންނަށް ލިބިގެންދާނެ ކަމަށެވެ.

އަދި ވިދާޅުވީ، އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދެއްވުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވެސް ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ ކަންކަމުގައި މިނިސްޓްރީގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

މިއީ އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދޭ ދެވަނަ ފަހަރެވެ. މީގެ ކުރިން އިނގިރޭސި ބަހުން އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޒިމްބާބުވޭ މުފްތީ ޝައިހް އިސްމާއިލް އިބްނު މޫސާ މެންކް އެވެ.

ޕީސް ފައުންޑޭޝަނުން ބުނީ، ޑރ. ބިލާލް ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ އޭނަ ދަރުސް ދެއްވަން ހަމަޖެހިފައިވާ އިރު، އަންނަ ހޮނިހިރު ދުވަހު ޏ. ފުވައްމުލަކުގައި ވެސް ދަރުސް ދެއްވާނެ އެވެ.