18 Jul 2011, 16:01
ޑެންގީ ހުމާ ގުޅިގެން ފަސްކުރި 17 ވަނަ އިންޓަ ސުކޫލް ވޮލީ މުބާރާތް އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުނެފި އެވެ.
ވަކި މުއްދަތެއް ނެތް ގޮތަށް ފަސް ކުރި މުބާރާތް ބުދަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާ އިރު، ވޮލީ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސޯޅަ ސްކޫލަކުން ޖުމަލް 28 ޓީމް ވާދަ ކުރާ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ ތިން އުމުރު ފުރައަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފިރިހެން އަދި އަންހެން ދެބައި އެކޮށް ވާދަކުރާ، 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި ޖުމްލަ ފަސް ޓީމް ވާދަކުރާ އިރު، އަންހެން ކުދިންގެ ބައިގައި ވެސް ހިމެނެނީ ފަސް ޓީމެވެ. އަދި 16 އަހަރުން ދަށުގެ ދެ ޖިންސުގެ ކޮންމެ ބައެއްގައި ތިން ޓީމް ވާދަކުރާއިރު، 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި ވާދަ ކުރަނީ އަށް ޓީމެވެ. އަދި އަންހެން ކުދިންގެ ބައިން ވާދަކުރަނީ ހަތަރު ޓީމެވެ.
މުބާރަތުގެ ބައިވެރިވި 19 އަހަރުންދަށުގެ އަށް ޓީމްގެ ތެރޭގައި އަތޮޅުތަކުގެ ދެ ސުކޫލެއް ވެސް ވަނީ ބައިވެރިވެފަ އެވެ. އެއީ އަލަށް ބައިވެރިވި ފ. އަތޮޅު މަދުރުސާ އާއި މިދިއަ ދެ އަހަރު މި އުމުރުފުރައިގެ ޗެމްޕިއަން ވ. އަތޮޅު ތައުލީމީ މަރުކަޒެވެ.
ވޮލީ މުބާރާތް ފަސްކުރި އިރު، ފަށައިގެން ކުރިއަށްދިޔަ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތާއި ކެރަމް މުބާރާތް ވެސް ވަނީ ވަކި މުއްދަތައް މެދު ކަނޑާލައިފަ އެވެ.