11 Jul 2017, 10:11
ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އާދަމް އާރިފްއާ ހަވާލުކޮށްފި ްއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި ރެއާ ހަމައަށް ހުންނެވީ ގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ. ނަމަވެސް ރޭ ބޭއްވި ޖުޑިޝަލް ސާވިސްގެ ބައްދަލު ވުމެއްގައި ގާޒީ ބާރީ ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ. އަދި އެ ކޯޓުގެ ގާޒީ ޝަކީލް ވަނީ ފެމިލީ ކޯޓަށް ބަދަލުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިޝަލު 'ސަން' އަށް ވިދާޅުވީ ގާޒީ އާދަމް އާރިފްއާ ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައިވާ ކަމަށެވެ.
އާދަމް އާރިފަކީ ގިނަ ދުވަސްތަކެއް ވަންދެން ޕްރޮސެކިއުޓަ ޖެނެރަލްގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ދައުލަތުގެ ފަރާތުން ދައުވާ އުފުލި ބޮޑެތި މައްސަލަތަކުގައި ވަކާލާތު ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްސަލަ ވެސް ހިމެނެ އެވެ.