11 Jul 2017, 09:16
ކަރަން ޖޯހަރުގެ ފިލްމެއްގައި ކާމިޔާބު އެކްޓަރު ސަންޖޭ ދަތު އަދި ކުޅަދާނަ ބަތަލާ ސްރީދޭވީ އެކުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
އެއީ ކަރަން ޖޯހަރު އާއި ސާޖިދް ނާދިއަދްވާލާ ޕްރޮޑިއުސްކޮށް، ފިލްމު '2 ސްޓޭޓްސް'ގެ ޑައިރެކްޓަރު އަބީޝެކް ވަރްމަން ޑައިރެކްޓު ކުރުމަށް ހަމެޖެހިފައިވާ ފިލްމެކެވެ. '2 ސްޓޭޓްސް' އަކީ ވެސް ކަރަން، ސާޖިދު އަދި އަބީޝެކްގެ އުފެއްދުމެކެވެ.
ތިން އަހަރު ފަހުން ތިން ޑައިރެކްޓަރުން އަނެއްކާ ވެސް އެކުގައި މަސައްކަތް ކުރުމަށް މިވަނީ ހަމަޖެހިފައެވެ. ސްރީދޭވީ ވަނީ މީގެ ހަ މަސް ކުރިން ފިލްމަށް އެއްބަސްވެފަ އެވެ. ޚަބަރުތައް ބުނާ ގޮތުން ފިލްމު އުފައްދާ ފަރާތުން މިހާރު ވަނީ ސަންޖޭ އަށް ފިލްމު ހުށަހަޅައިފަ އެވެ.
ސަންޖޭ އާއި ސްރީދޭވީ އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ 1993 ވަނަ އަހަރު ރިލީޒް ކުރި، މަހޭޝް ބަޓް އަދި ޔަޝް ޖޯހަރުގެ ކްރައިމް ތުރިލާ 'ގުމްރާހް' އިންނެވެ. އެހެންކަމުން މިއީ 25 އަހަރު ތެރޭގައި ސްރީދޭވީ އާއި ސަންޖޭ އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރަށް ވެދާނެ އެވެ.

އޭގެ އިތުރުން ފިލްމުގައި މުހިންމު ރޯލުތަކުން އާލިއާ ބަޓް، ވަރުން ދަވާން އަދި ސޮނާކްޝީ ސިންހާ ވެސް ފެނިގެންދާނެ އެވެ.
ބޮޑު ކާސްޓަކާ އެކު ފިލްމެއް އުފެއްދުމަކީ ކަރަންގެ ބައްޕަ، އަދި ކާމިޔާބު ޑައިރެކްޓަރު،ޕްރޮޑިއުސަރު ޔަޝް ޖޯހަރުގެ ހުވަފެނެކެވެ.
ޑައިރެކްޓަރު އަބީޝެކް މިހާރު އަންނަނީ ސްކްރިޕްޓަށް ގެންނަން ޖެހޭ ފަހު ބަދަލުތައް ގެނެސް، ސްކްރިޕްޓު ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރު ކުރީކޮޅު ފިލްމުގެ މަސައްކަތް ފެށޭނެ ކަމަށް ބެލެވެ އެވެ.