11 Jul 2017, 09:12
ދެހާސް ހަތް ވަނަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރު އަދި ކެޓްރީނާ ކައިފްގެ ހިޓް ފިލްމު 'ނަމަސްތޭ ލަންޑަން'ގެ ސީކުއަލް އުފެއްދުމަށް ތައްޔާރުވެއްޖެ އެވެ.
ދިހަ އަހަރު ފަހުން ޑައިރެކްޓަރު ވިޕުލް އަމްރުތުލް ޝާހް ފިލްމުގެ ސީކުއަލް ހަދަން ނިންމާފައިވާ އިރު، ސީކުއަލް އަށް ދީފައިވާ ނަމަކީ 'ނަމަސްތޭ އިންގްލޭންޑް' އެވެ. އަދި އަކްޝޭގެ ބަދަލުގައި ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ އަރްޖުން ކަޕޫރު ކަން މިހާރު މިވަނީ ޔަގީންވެފަ އެވެ.
ޚަބަރުތައް ބުނާ ގޮތުން އަރްޖުން އަށް ސްކްރިޕްޓު ކަމުދިޔަ ނަމަވެސް، ފިލްމަށް އެއްބަސްވީ އަކްޝޭގެ މައްސަލައެއް ނެތްކަން ޔަގީންވުމުންނެވެ.
ފިލްމަށް އަރްޖުން ހަމަޖައްސާފައި ވަނީ ވިޕުލް އާއި އަކްޝޭ ވާހަކަ ދެއްކުމަށް ފަހު އެވެ. އަކްޝޭ ވަނީ ޒުވާން އެކްޓަރަކު ފިލްމުން ފެންނާނެތީ އެކަމާ އުފާކުރާ ކަމަށް ބުނެފަ އެވެ.
'ނަމަސްތޭ އިންގްލޭންޑް' ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ޕަންޖާބު އަދި އިނގެރޭސިވިލާތުގަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އަރްޖުންއާ އެކު ފިލްމުން ފެނިގެންދާނީ ބަތަލާ ޕަރިނީތީ ޗޯޕްރާ އެވެ. ނަމަވެސް އެކަން އަދި ޔަގީންވެފައެއް ނުވެ އެވެ. އޭގެ އިތުރުން ފިލްމުގައި ކުޑަ ރޯލަކުން އެހެން ބަތަލާ އެއް ވެސް ފެނިގެން ދާނެ އެވެ.
ޕަރިނީތީ ފިލްމަށް އެއްބަސްވެއްޖެ ނަމަ، 'ނަމަސްތޭ އިންގްލޭންޑް' ވެގެންދާނީ އަރްޖުން އާއި ޕަރިނީތީ އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމަށެވެ. 'އިޝަގްބާޒް' ގައި ދެމީހުން އެކުގައި ފެނިގެން ގޮސްފައިވާ އިރު، ދިބާކަރް ބެނަރްޖީގެ ކުރިއަށް އޮތް ރޮމޭންސް ތުރިލަރ 'ސަންދީޕް އޯރް ޕިންކީ ފަރާރް'ގައި ވެސް ދެމީހުން ފެނިގެން ދާނެ އެވެ.
އަރްޖުން މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'މުބާރަކާން' ރިލީޒް ކުރުމަށް ތައްޔާރުވަމުންނެވެ.