11 Jul 2017, 01:30
ވަޒީފާގެ މައްސަލަތަކުގައި ގާނޫނީ ހައްލު ހޯދައި ދިނުމަށާއި ބިމާ ބެހޭ ކަންކަމުގައި ގާނޫނީ ހައްލު ލިބޭނެ މަގު ތަނަވަސްކޮށްދީފައިވާ ދެ ފޮތެއް މިރޭ ނެރެފިއެވެ.
"ދިވެހި ރާއްޖޭގެ ބިމާބެހޭ ތަރުތީބު" ނަމުގައި ގާނޫނީ ވަކީލް ހުސްނުއްސުއޫދު ލިޔުއްވި ފޮތް ނެރެދެއްވީ މިރޭ ސޯލްޓްކެފޭ އެކަމަށް ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ. އެރަސްމިއްޔާތުގައި ވަރަށް ގިނަ ގާނޫނީ ވަކީލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސާޅިސް ދެ ޗެޕްޓަރުގެ މައްޗަށް ބަހާލެވިފައިވާ މިފޮތުގައި ދިވެހިރާއްޖޭގެ ބިމާ ބެހޭގޮތުން އުފެދޭ ހުރިހާ ސުވާލަކަށް އަލިއަޅުވާލައިފައި ވާނެކަމަށް އެރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުސްނުއް ސޫދު ވިދާޅުވިއެވެ.
" އެފޮތަކީ 42 ޗެޕްޓަރުގެ މައްޗަށް އެކުލެވިގެންވާ ފޮތެއް. ދިވެހިރާއްޖޭގައި ބިމާ ބެހޭގޮތުން ޖަވާބު ނުލިބޭނެ އެއްވެސް ސުވާލެއް މިފޮތަކު ނޯންނާނެ. އެހެންވީމާ ބިމާ ބެހޭ ގޮތުން ކޮންމެ ސުވާލެއް އުފެދުނަސް ޖަވާބު އެފޮތުން ލިބެންވާނެ. އެހެންވެގެން އެފޮތަށް ތަރުރީބުގެ ނަމުން ނަންދީފައިވަނީ،" ސުއޫދު ވިދާޅުވިއެވެ.
އެރަސްމިއްޔާތުގައި، މަރިޔަމް މަނާލު ޝިހާބު ވަނީ " މޯލްޑިވްސް އެމްޕްލޯއިމަންޓް ލޯ "ގެ ނަމުގައި އިނގިރޭސިބަހުން ލިޔެފައިވާ ފޮތެއް ނެރެދެއްވާފައެވެ. އެފޮތަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރައްވާ ހުރިހާ މުވައްޒިފުންނާއި އަދި ވަޒީފާދޭ ފަރާތްތަކަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ލާޒިމްކުރާ ޝަރުތުތަކާއި އަދި ލިބިދޭ ހައްގުތައް އަންގައިދިނުމުގެ ނިޔަތުގައި ލިޔެފައިވާ ފޮތެކެވެ.
އެފޮތުގައި، މީގެ ކުރިން ކޯޓްތަކުންނާއި އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ އެކިއެކި މައްސަލަތަކަށް ވަކިވަކިން އަލިއަޅުވާލައިފައިވެއެވެ.
މަނާލް ވިދާލުވިގޮތުގައި މިފޮތަކީ ހަމައެކަނި ގާނުނީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަމާޒުކޮަށްގެން ލިޔެފައިވާ ފޮތެއް ނޫންކަމަށެވެ. އަދި މިއިީ ވަޒީފާދޭ މީހުންނާއި އަދި ވަޒީފާއަދާކުރާ ބޭފުޅުންނަށްވެސް ވަރަށް މުހިންމު މައުލޫމާތުތަކެއް ހިމެނޭ ފޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.