ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލުމުން އަލުން އެ ދައުވާ ނުކުރެވޭނެ ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ގާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކުރިމިނަލް ކޯޓުން ބޭރުކޮށްލީ، ދައުލަތުގެ ވަކީލުން މިރޭ 7:00 ގައި ބޭއްވުމަށް ހަމަޖެއްސި އަޑުއެހުމަށް ހާޒިރުވެ ވަޑައިނުގެންނެވުމުން ނެވެ.

ހިސާން ވިދާޅުވީ، އެ ދައުވާތައް ގާސިމްގެ މައްޗަށް އަލުން ކުރުމަށް ޖިނާއީ އިޖުރާތުގެ ގާނޫނު ތަން ނުދޭ ކަމަށެވެ.

"މައްސަލަ ބާތިލު ކުރުމަށްފަހު އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ދެން އަލުން ޕްރޮސިކިއުޓާ ޖެނެރަލަށް މި މައްސަލަ ކޯޓަށް ހުށަހެޅި ދާނެ ކަމަކަށް،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޖިނާއީ އިޖުރާތުގެ ގާނޫނުގައި ޕީޖީން ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއް އަނބުރާ ގެނެވޭނީ ހަމައެކަނި އިބްތިދާއީ އަޑުއެހުމަކަށްފަހު ފުރަތަމަ ބާއްވާ ޝަރީއަތުގެ އަޑުއެހުން ފެށުމުގެ ކުރިން ކަމަށެވެ. އެނޫން ހާލަތެއްގައި ޕީޖީއަށްވެސް މައްސަލަ އަބުރާ ގެނެސް އަލުން ހުށަހެޅުމުގެ ނުވަތަ މައްސަލަ އަނބުރާ ގެނައުމުގެވެސް ބާރެއް ލިބިފައި ނުވާ ކަމަށެވެ.

ހިސާން ވިދާޅުވީ އެ މައްސަލައިގެ ފަސް އަޑު އެހުމެއް ބާއްވާފައިވާއިރު، އެ މައްސަލައަކީ ޖަވާބުދާރީވެ ހެކި ހުށަހަޅައި ހެއްކާ ބެހޭ ގޮތުން ވާހަކަދައްކާ މަރުހަލާއަށް ގޮސްފައިވާ މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ގާސިމްގެ މައްޗަށް އެ ދައުވާތައް އަލުން ކުރުމުގެ ފުރުސަތު ގާނޫނު އަސާސީންވެސް ތަން ނުދޭ ކަމަށެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރި އެވެ. އެއީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުންކުރަން އުޅޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.

އެ މައްސަލަ ބައްލަވަމުން ގެންދެވީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. އެ ބެންޗުގައި ތިއްބެވީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އާއި ގާޒީ އާދަމް އާރިފާއި ގާޒީ އަހްމަދު ޝަކީލެވެ.