18 Jul 2011, 15:57
ސަރުކާރުން ހުށަހެޅުއްވި ޓެކްސް ނެގުމާ ބެހޭ ހަތަރު ބިލް މަޖިލީހަށް ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލުތަކުގެ ތެރެއިން އެކްސްޕޯޓް އިންޕޯޓްގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ބަލައިގެންފައި ވަނީ ޖަލްސާގައި ތިއްބެވި، 71 މެންބަރުންގެ ތެރެއިން 62 މެންބަރުން ފެންނަކަމަށް ވޯޓު ދެއްވައިގެންނެވެ. އެ ބިލު ބަލައިގަންނަން ނުފެންނަކަމަށް ހަ މެންބަރުން ވޯޓު ދެއްވި އެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު ބަލައި ގަތްފައި ވަނީ 72 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ތަޅުމުން ބޭރު ކުރުމަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ. މީގެ އިތުރުން ފިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ބިލު ބަލައިގަތީ، 71 މެންބަރުންގެ ތެރެއިން 55 ވޯޓު ދެއްވައިގެންނެވެ. އެބިލު ބޭރު ކުރުމަށް 13 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލު ބަލައިގަތީ، 71 މެންބަރުންގެ ތެރެއިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެބިލު މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށް އެ ވަގުތު ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން 16 މެންބަރުން ވޯޓު ދެއްވި އެވެ.
މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި ސިއްހީ ހިދުމަތުގެ ސިޔާސަތު ކަނޑައެޅުމުގެ ބިލު ވެސް ވަނީ ބަލައިގަނެ ކޮމިޓީއަކަށް ފޮނުވައިފަ އެވެ. އެބިލު ބަލައިގަތީ، 71 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެބިލު ބަލައި ނުގަތުމަށް 33 މެންބަރުން ވޯޓު ދެއްވި އެވެ.
މި ބިލުތަކަށް ވޯޓަށް އެއްސެވުމަށް ފަހު، މުޅި މަޖިލިސް ކޮމިޓީއަކަށް ބަދަލުކޮށް، ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ނެގުމާ ބެހޭ ބިލުތަކުގެ ބަހުސް މަޖިލީހުގައި ވަނީ ފަށައިފަ އެވެ.
"މިހާހިސާބުން މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މުޅި މަޖިލިސް ކޮމިޓީއަކަށް ދިޔައީ. މި ކޮމިޓީގައި ސަރުކާރުން ހުށަހަޅާފައިވާ، އެކްސްޕޯޓް އިންޕޯޓްގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލު ގެ މަސައްކަތް ކުރިއަށްދާނެ،" ބިލުތަކަށް ވޯޓު ނަންގަވައި ނިންމެވުމަށް ފަހު ރައްޔިތުންގެ މަޖލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވި އެވެ.