11 Jul 2017, 01:00
ސަރުކާރާ ގުޅިފައިވާ ޖޮއިންޓް ޕީޖީ ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅު މާ ތޫނު ކަމަށާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭރުކޮށްލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.
ޖޮއިންޓް ކޯލިޝަނުގެ މަޖިލިސް މެމްބަރުންނާ އެކު ރައީސް ޔާމީން ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުރޫފް ވިދާޅުވީ ޕީޕީއެމްއާއި އެމްޑީއޭއާ ދެމެދު އޮތް ގުޅުން އޮތީ ބަދަހިކޮށް ކަމަށާއި އެ ދެ ޕާޓީގެ ޕީޖީ ވެސް އޮތީ ބަދަހިކޮށް ކަމަށެވެ.
"އިރާދަފުޅު ކުރެއްވިއްޔާ މަސީހުގެ ނޯ ކޮންފިޑެންސް ވޯޓު ސަރުކާރާ އެއްކޮޅަށް ކާމިޔާބުވެގެންދާނެ. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަކީ އަދި ޕީޖީ ގްރޫޕުގައި މިތިއްބެވި ބޭފުޅުންނަކީ މާ ވިސްނުން ތޫނު ބައެއް،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ އިސްލާހަކީ ދިވެހި ރައްޔިތުން އުފާކުރާ އިސްލާހެއް ކަމަށާއި ދުނިޔޭގެ ދުވަސްވީ ޑިމޮކްރަސީތަކުގައި ވެސް ކަން އޮންނަ ގޮތަކީ އެއީ ކަމަށެވެ. އަދި އެކަމުގައި ސަރުކާރު ކޯލިޝަނަށް ނަސްރު ލިބިގެންދާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލާގައި، ވެރިކަން ކުރާ ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެމްބަރުން ސޮއިކުރުމާ އެކު އުފެދުނު މައްސަލަތަކުގެ ތެރެއިން އެޕާޓީން ވަނީ ގިނަ މެމްބަރުންތަކެއް ވަކިވެފަ އެވެ. އަދި މިހާރު މަޖިލީހުގައި ޕީޕީއެމް ކޯލިޝަނަށް މެޖޯރިޓީ ގެއްލިފައިވާ އިރު އެ ކޯލިޝަނުގެ މެމްބަރުންގެ އަދަދަކީ 40 އެވެ. އަދި އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނުގައި 29 މެމްބަރުން ތިއްބެވި އިރު މިވަގުތު އަމިއްލަ ގޮތުގައި ތިއްބެވި 17 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންތަކެއް މަސަތްކަތްޕުޅު ކުރައްވަނީ ވެސް އިދިކޮޅު ފަރާތްތަކާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓަށް އެ މައްސަލަ ވައްދާފައި ވަނީ މި މައްސަލައާ ގުޅިގެންނެވެ.