11 Jul 2017, 00:15
އިދިކޮޅު ފަރާތްތަކުން އުޅެނީ ބަޣާވާތެއް ކުރުމަށް ކަމަށާއި ނަމަވެސް އެކަން ޕީޕީއެމުން ފެއިލް ކޮށްލާނެ ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނާ އެކު ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިރޭ ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާނު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރާވަމުން ދަނީ ބަޣާވާތެއް ކުރުމަށް ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ އެ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން އެކަމުގެ ފަހަތުގައިވަނީ އިދިކޮޅު ފަރާތްތައްކަން ފާހަގަކުރައްވަމުންނެވެ.
"ކުރިއަށް ގެންދަން ބަޔަކު މި ރޭވި ބަޣާވާތް އަޅުގަނޑުމެން ފަސޭހަކަމާއެކު ނާކާމިޔާބުކޮށްލާނަން،" ނިހާނު ވިދާޅުވިއެވެ.
ސަރުކާރަށް ތާއިދު ކުރާ ޖޮއިންޓް ކޯލިޝަނުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހު
މީގެ އިތުރުން އޭނާ ވިދާޅުވީ، ޕާޓީއަކުން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އިސްލާހު ގެނައުމަށްޓަކައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން ތާއިދު ކުރާ ކަމަށެވެ. އަދި އެކަން މަޖިލީހުގައި ފާސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕާޓީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެޕާޓީން ބައެއް މެމްބަރުން ވަކިވެވަޑައިގެންފައިވާ ވާހަކަ އަކީ ތެދެއް ކަމަށާއި ނަމަވެސް އެޕާޓީގެ އެއްވެސް ކަމަކަށް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެމުން އަންނަ ތަރައްގީއަށްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި ޕާޓީ އޮތީ އަދިވެސް ވަރުގަދަކޮށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ތި ބޭފުޅުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ އަޅުގަނޑުމެން މިތިބީ ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުންގެ ހައްގުގަ ގައުމާ އެކުގައޭ. ދީނާ ގައުމުގެ ހައްގުގަ ކުރަން ޖެހޭ އެއްވެސް ކަމެއް ކުރުމުގަ އަޅުގަނޑުމެން ފަހެއް ނުޖެހޭނަމޭ،" އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެކަމާ އެއްވެސް ވަރަކަށް ހާސް ނުވުމަށް އެޕާޓީގެ ސަޕޯޓަރުންނަށް އޭނާ ގޮވާލެއްވި އެވެ.