10 Jul 2017, 23:48
ރާއްޖޭގެ ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ޑިޝްތަކުގެ މައުލޫމާތު ހިމަނައިގެން "ޓޭސްޓް"ގެ ނަމުގައި މެގަޒިނެއް ނެރެން ފަށައިފިއެވެ.
ސަލްސާ ރޯޔަލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ މެގަޒިން ނެރެދެއްވީ ރާއްޖޭގެ ޝެފުންގެ ޖަމިއްޔާގެ ރައީސާ މަރިޔަމް ނޫރައްދީނެވެ.
މިރޭ ތައާރަފް ކުރި އެ މެގަޒިން ވެގެންދާނީ ރާއްޖޭގައި ނެރޭ ދެވަނަ ފުޑް މެގަޒިނަށެވެ. ރާއްޖޭގައި ފުރަތަމަ ނެރުނު ފުޑް މެގަޒިނަކީ މޯލްޑިވްސް ޕަބްލިކޭޝަނުގެ ފަރާތުން ނެރޭ ޑައިން މެގަޒިނެވެ.
ޓޭސްޓު މަޖައްލާ ނެރުމަށްފަހު "ސަން" އަށް މައުލޫމާތު ދެއްވަމުން އެ މެގަޒިން ނެރޭ "މާކޮމްސް"ގެ މާކެޓިން މެނޭޖަރު، މަރިޔަމް މާހާ މަދީހު ވިދާޅުވީ އެ މެގަޒިނަކީ ކާއެއްޗެއްސަށް ލޯބި ކުރާ ފަރާތްތަކަށް ޚާއްސްކޮށްގެން ނެރޭ މެގަޒިނެއް ކަމަށެވެ. އަދި އެ މެގަޒިނަކީ ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށްވެސް ކިޔާލެވޭ ފަދަ މެގަޒިނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މެގަޒިންގަ ހުންނާނީ ކާއެއްޗެއްސާ ބެހޭ މައުލޫމާތު. މާލޭގެ ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ޑިޝްތަކުގެ މައުލޫމާތު ހުންނާނެ. ފުޑް ރިލޭޓެޑް ހުރިހާ އެއްޗެއް ހުންނާނެ މީގަ،" މާހާ ވިދާޅުވިއެވެ.
މާހާ ވިދާޅުވި ގޮތުގައި އެ މެގަޒިން ނެރެނީ ދެމަހުން އެއް މަހު، އަހަރަކު ހަ ފަހަރު އެވެ. އަދި ކާއެއްޗެއްސާ ބެހޭ މައުލޫމާތުގެ އިތުރުން ރާއްޖޭގެ ފުޑް އިންޑަސްޓްރީގެ އެކި ޚަބަރުތައްވެސް އެ މެގަޒިނުގައި ހިމަނަނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ މެގަޒިނުގައި އާންމު ކުރާ ލިއުންތަކަކީ ދިވެހިން ލިޔާ ފްރެޝް އާޓިކަލްތަކަކެވެ. އެ މެގަޒިން މެދުވެރިކޮށް ރާއްޖޭގެ އަތޮޅުތަކުގައި ބޭނުންކުރާ ކެއުންތަކާއި ދިވެހި ކެއުންތަކުގެ ޑިޝްތައްވެސް ހިމަނަން ވަނީ ހަމަޖައްސާފައެވެ.
ޓޭސްޓު މަޖައްލާގެ އެޑިޓަރަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރު، މަރިޔަމް ވަހީދާ އެވެ.