10 Jul 2017, 22:13
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މާދަމާ އަށް އަޑުއެހުން ފަސްކޮށްދިނުމަށް އެދިފައިވަނިކޮށް ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
ޮޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިރޭ 7:00 އަށް ތާވަލްކުރި އެ އަޑުއެހުން ފެށުމުގެ ކުރިން އަޑުއެހުން މާދަމާއަށް ފަސްކޮށްދިނުމަށް އެދި ކޯޓަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުންކުރަން އުޅޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.
ޕީޖީ އޮފީހުން އެހެން ބުނިނަމަވެސް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ މިރޭ ވިދާޅުވީ
ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުވެވަޑައިގެންފައިނުވާއިރު، ހާޒިރުވެވަޑައިނުގަތް ސަބަބެއް ޕީޖީ އޮފީހުން އަންގާފައި ނުވާ ކަމަށެވެ.
"ތިން ދައުވާ ފޯމު ވެސް ކޯޓުން މިރޭ މި ބާތިލްކުރީ. އަޅުގަނޑުމެން މިރޭގެ ވަގުތެއްގައި އެ ތިން ދައުވާ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލާނަން،" ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ވިދާޅުވިއެވެ.
އެ މައްސަލަ ބައްލަވަމުން ގެންދެވީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ރިޔާސަތުގައި އިންނަވާއިރު، ދެން އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އާދަމް އާރިފާއި ގާޒީ އަހުމަދު ޝަކީލެވެ.