ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ކުޑަކުރުމަށް އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހް ތަޅުމުން ބޭރުކޮށްލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ ހުށަހެޅުއްވި އިސްލާހް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެއްސެވުމުން އެ އިސްލާހު ބަލައިގަތުމަށް ވޯޓު ދެއްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 32 މެންބަރުންނެވެ. ނަމަވެސް އެ އިސްލާހު ތަޅުމުން ބޭރު ކުރުމަށް 35 މެންބަރުން ވޯޓު ދެއްވި އެވެ.

މުސްތަފާ ހުށަހަޅުއްވާފައިވާ އެ ބިލުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ ހަތަރު މާއްދާއަކަށް އިސްލާހް ގެނައުމަށް ހުށަހަޅުއްވާފައިވެ އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހެއްގެ އުމުރުން 70 އަހަރު ވެއްޖެ ނަމަ މުޖުތަމައަށް ހިދުމަތްކޮށްދިނުމުގެ ނަމުގައި ބުރަ އެއްވެސް މަސްއޫލިއްޔަތެއް އޭނާއާ ހަވާލުކޮށްގެން ނުވާނެ ކަމަށާއި، 65 އަހަރު ނުވާބޭފުޅެއް ނަމަ މުޖުތަމައަށް ފައިދާ ހުރި އިޖްތިމާއީ މަސައްކަތްތައް ކުރުމަށް ޓަކައި އޮފީހެއް ހެދުމަށް 500 އަކަފޫޓަށް ވުރެ ކުޑަނޫން ތަނެއް ދައުލަތުން ހަމަޖައްސައިދޭންވާނެ ކަމަށް އެ ބިލުގައި ހިމަނާފައިވެ އެވެ. އަދި އެ އޮފީހުގައި މަސައްކަތް ކުރާނެ ދެ މުވައްޒިފުންނާއި މަސައްކަތު މީހަކާއި އެ އޮފީސް ހިންގުމުގެ ހަރަދުތަކަށް ކޮންމެ މަހަކު 35،000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް އެ އިސްލާހްގައިވެ އެވެ. އަދި އެ ފައިސާ ހަރަދު ކޮށްގެން މުޖުތަމަ އާއި ގައުމަށް ފައިދާހުރި ކަމެއް ނުކުރައްވައި އަމިއްލަ މަސްލަހަތު ކުރިއަށް ނެރެގެން މަސައްކަތްކުރައްވާ ކަމަށް، ކަމާބެހޭ މުއައްސަސާއަކުން ކަނޑައަޅައިފި ނަމަ އެ އިނާޔަތް ދިނުން ހުއްޓާލަން ވާނެ ކަމަށް ވެސް އެ އިސްލާހްގައިވެ އެވެ.

ގާނޫނުގައި ރައީސުލްޖުމްހުރިއްޔާކަން ކުރައްވާފައިވާ ފަރާތަކަށް ކަނޑައަޅާފައިވާ 50،000 ރުފިޔާގެ އިނާޔަތާއި ލިވިން އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވާ 50،000 ރުފިޔާގެ އިނާޔަތް 30،000 ރުފިޔާ އަށް ކުޑަކުރުމަށް ވެސް މުސްތަފާގެ އިސްލާހްގައިވެ އެވެ. އަދި ގޯއްޗެއް ނުވަތަ ގޯޗަކުންބައެއް ރަޖިސްޓްރީކޮށްފައިވާ ބޭފުޅަކަށް ލިވިން އެލަވަންސް ނުދިނުމަށް ވެސް އެ އިސްލާހްގައި ކަނޑައަޅާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ގޮތް ބަދަލު ކުރުމަށް ވެސް މުސްތަފާ ވަނީ އިސްލާހްގައި ހިމަނާފަ އެވެ. އިސްލާހްގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ސިއްހީ ހިދުމަތް ހަމަޖައްސައިދޭން ވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ މެޑިކަލް އިންޝުއަރެންސް ޕެކޭޖަށް ވުރެ 20 ޕަސެންޓް ބޮޑު ނުވާނެ ވަރުގެ އަދަދަކަށެވެ.