10 Jul 2017, 20:31
ރާއްޖޭގައި ބާއްވާ ދެވަނަ ޓްރެވަލް ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާން އެ ފެއާ އިންތިޒާމު ކުރާ މޯލްޑިވްސް ގެޓަވޭސް އިން ފަށައިފިއެވެ.
އެ ފެއާގައި ހިނގާ ހަރަކާތްތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އަދި ބައިނަލްއަގުވާމީ ގޮތުން މަޝްހޫރު ފަރާތްތަކުން ކަންކަމާ މެދު މަޝްވަރާކޮށް، ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ "ބީއެމްއެލް ހޮޓަލިއާ ސަމިޓު" ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް "ޓޫރިޒަމް ކެރިއާ ފެއާ" އަދި ޕެސިފިކް އޭޝިއާ ޓޫރިޒަމް އެސޯސިއޭޝަން (ޕާޓާ)އާ މަޓާޓޯ ގުޅިގެން ބާއްވާ ޕާޓާ އެކެޑެމީ ހިމެނެއެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން އެ ފެއާގައި ބައިވެރި ވާނެ އެވެ.
އެ ފެއާގެ ތެރެއިން ކުރިއަށްދާ "ބީއެމްއެލް ހޮޓެލިއާ ސަމިޓު"ގައި ހަތަރު ޕެނަލް ޑިސްކަޝަން ކުރިއަށް ދާނެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 80 އަށް ވުރެ ގިނަ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން ބައިވެރިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން އެ ސަމިޓުގައި މަޝްވަރާ ކުރާނެއެވެ.
ޓީޓީއެމް ފެއާގެ ގާލާ ނައިޓުގައި މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލް އެޑިޝަންގެ އެވޯޑު ލިބޭ މީހުން އިއުލާން ކުރަންވެސް ވަނީ ހަމަޖައްސާފައެވެ. އެ އެވޯޑަށް ނޮމިނޭޓުވި ފަރާތްތައް އިއުލާން ކުރީ ބާލިންގައި ބޭއްވި އައިޓީބީ ފެއާގެ ތެރެއިންނެވެ.
މޯލްޑިވްސް ގެޓަވޭސް އިން ބުނި ގޮތުގައި އެ ފެއާގެ މަގުސަދަކީ 2020 ވަނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެ މިލިޔަނަށް އިތުރުކޮށް، އަދި އެ އަހަރާ ހަމައަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 3.5 ބިލިޔަނަށް އެރުވުމަށް މަސައްކަތް ކުރުމެވެ.