10 Jul 2017, 20:25
މަޖިލިސް މެމްބަރުކަމަށް ރައްޔިތުން އިންތިހާބުކުރި ޕާޓީން ވެކިވެއްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ބަންޑާރަ ނައިބު، ސުޕްރީމް ކޯޓަށް މިއަދު ވަނީ މައްސަލައެއް ހުށަހެޅުއްވާފައެވެ.
އެ މައްސަލަ ހުށަހެޅިތާ މާގިނައިރުތަކެއް ނުވެ ޕީޕީއެމްގެ ބައެއް މެމްބަރުން އެ ޕާޓީން ވަކިވެފައިވަނިކޮށް އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މެމްބަރުކަމަށް ރައްޔިތުން އިންތިހާބުކުރި ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލެން ޖެހޭ ކަމެއް ކަމަށް އޭނާ އަބަދުވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލާގައި، ވެރިކަން ކުރާ ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެމްބަރުން ސޮއިކުރުމާއި އެކު އުފެދުނު މައްސަލަތަކުގެ ތެރެއިން އެޕާޓީން ވަނީ ގިނަ މެމްބަރުންތަކެއް ވަކިވެފައެވެ. އަދި މިހާރު މަޖިލީހުގައި ޕީޕީއެމް ކޯލިޝަނަށް މެޖޯރިޓީ ގެއްލިފައިވާއިރު އެ ކޯލިޝަނުގެ މެމްބަރުންގެ އަދަދަކީ 40 އެވެ. އަދި އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނުގައި 29 މެމްބަރުން ތިއްބެވިއިރު މިވަގުތު އަމިއްލަ ގޮތުގައި ހުރި 17 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ތަކެއް މަސަތްކަތްޕުޅު ކުރައްވަނީ ވެސް އިދިކޮޅު ފަރާތްތަކާއި ގުޅިގެންނެވެ.