10 Jul 2017, 17:29
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދިޔުމާ މެދު ކްރިމިނަލް ކޯޓުން މިރޭ ގޮތެއް ނިންމާނެއެވެ.
އެ ދައުވާތައް ކުރިއަށްގެންދިޔުމާ މެދު ގޮތެއް ނިންމަނީ އެ ދައުވާތައް ކުރިއަށްނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ގާސިމްގެ ވަކީލުން ކޯޓުގައި އެދުމުންނެވެ.
ގާސިމްގެ ވަކީލުން މިއަދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ، ދަށުން، އެ ދައުބާތައް ބާތިލްކުރުމުގެ ބާރު މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުންކުރަން އުޅޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.
ދައުވާ އަށް ޖަވާބުދާރީވާން ލިބޭ ފުރުސަތުގައި ދައުވާ އަށް އިންކާރު ކޮށްފިނަމަ، ހުށަހެޅިފައިވާ ދައުވާއަށާއި ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތް ކުރާއިރު، ދައުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް މަދަނީ މިންގަނޑުން، ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ދައުވާއާއިގެން ކުރިއަށް ދެވެން ނެތް ކަމަށް ކަނޑައަޅަމްވާނެ ކަމަށެވެ.
ގާސިމްގެ މައްޗަށްކޮށްފައިވާ ދައުވާތަކުގައި އެކަށީގެންވާ ވަރުގެ ހެއްކެއް ނެތް ކަމަށާއި މީގެކުރިން ބޭއްވި އަޑުއެހުމުގައި ގާސިމް ވަނީ ދައުވާތަކަށް އިންކާރު ކުރައްވާފައި ކަމަށް ވަކީލު ހިސާން ހުސައިން ވިދާޅުވިއެވެ.