10 Jul 2017, 16:34
ގިނަ މެމްބަރުންތަކެއް އެއްފަހަރާ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ވަކިވެވަޑައިގަތުމާ އެކު، ޕީޕީއެމް، އެމްޑީއޭ ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ އެވެ.
ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެއްފަހަރާ އެ ޕާޓީން ވަކިވެވަޑައިގެންފައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހެޅުއްވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.
އެންމެ ފަހުން ޕީޕީއެމް އިން ވަކިވެވަޑައިގަތީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މުހައްމަދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް)އެވެ.
އޭގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވެސް މިއަދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
އިއްޔެ ވަނީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރެއިން މިހާރު އެ ޕާޓީން ވަކިނުވެ ހުންނެވި ހަމައެކަނި މެންބަރަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އެވެ.
މިވަގުތު މަޖިލީހަށް ބަލާ އިރު ޕީޕީއެމްއަށް ނިސްބަތްވާ ތިއްބެވީ 35 މެމްބަރުންނެވެ. އަދި އެމްޑީއޭގެ ފަސް މެމްބަރުން ލައިގެން ޕީޕީއެމް ކޯލިޝަންގެ ހިމެނެނީ 40 މެމްބަރުންނެވެ. މަޖިލީހުގެ ޖުމްލަ އަދަދަކީ 85 އަކަށްވާ އިރު އިދިކޮޅު ފަރާތްތަކާއި ނުގުޅެ ސަރުކާރަށް ތާއިދިކޮށްގެން ހުރީ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅު ހެންވޭރު ދައިރާގެ މެމްބަރު މޫސާ މަނިކެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގައި 21 މެމްބަރުން ތިއްބެވި އިރު ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ ހަތެކެވެ. އަދި އަދާލަތު ޕާޓީގެ އެއް މެމްބަރަކާ އެކު އިދިކޮޅު އިއްތިހާދުގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ރަސްމީ އަދަދަކީ 29 އެވެ. އެހެން ނަމަވެސް ވަކި ޕާޓީއަކާ ނުގުޅެ ތިއްބެވި 16 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިހާރު ތިއްބެވީ ސަރުކާރާ އިދިކޮޅަށެވެ.