10 Jul 2017, 21:35
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ކުޅުންތެރިންނާއި ކްލަބުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމްއާއި ގުޅިގެން އެފްއޭއެމުން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހެވެ.
އެފްއޭއެމުން ވަނީ އެ އެވޯޑް ނައިޓްގެ މީޑިއާ ޕާޓްނަރަކަށް ވުމަށް އެދޭ މީޑިއާތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
މިދިޔަ އަހަރު ވެސް މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓް ބާއްވާފައިވެއެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަލީ ފާސިރު (ސެންޓޭ) ހޮވުނުއިރު، ރަން ބޫޓު ވެސް ލިބުނީ އޭނާއަށެވެ. މިދިޔަ އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ކްލަބު އީގަލްސްގެ އަހްމަދު ރިޒުވާން ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ.
މިދިޔަ އަހަރުގެ އެވޯޑް ނައިޓުގައި މިއަހަރު އާ އެވޯޑުތަކެއް ތައާރަފްކުރާނެ ކަމަށް އިއުލާންކޮށްފައިވެއެވެ. އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ، ރަން ބޫޓު، އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗުގެ އިތުރުން އަލަށް ތައާރަފްކުރާނެ ކަމަށް އެފްއޭއެމްއިން އޭރު އިއުލާންކޮށްފައިވަނީ އެންމެ ރީތި ލަނޑުޖަހާ ކުޅުންތެރިޔާއަށް ދޭ ޖޫލޭ އެވޯޑާއި، އެންމެ މޮޅު އަންހެން ކުޅުންތެރިޔާއާއި، އެންމެ މޮޅު އަންހެން ކޯޗާއި، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާއާއި، އެންމެ މޮޅު ގޯލްކީޕަރާއި، ފެއާޕްލޭ ޓީމު އަދި އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަށް ދޭ އެވޯޑެވެ.
އެންމެ ރީތި ގޯލް ޖަހާ ކުޅުންތެރިޔާއަށް ޖޫލޭ އެވޯޑު ކިޔުމަށް އެފްއޭއެމްއިން ނިންމާފައި ވަނީ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ގޯލު ޖަހައިދިން އަލްމަރްހޫމް ގ. ޖޫލިއަޓްގޭ އަބްދުﷲ ރަޝީދު (ޖޫލޭ)އަށް ނިސްބަތްކޮށެވެ.