18 Jul 2011, 13:31
ހަނިމާދޫ އެއާޕޯޓް ބައިނަލް އަގުވާމީ އެއާޕޯޓެއް ގޮތުގައި ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެކަަމަށް ޝައުގުވެރިކަން ފާޅުކުރި 19 ފަރާތުގެ ތެރެއިން އަށް ފަރާތެއް ޝޯޓްލިސްޓްކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެމިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައިވާ ގޮތުގައ، ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާއެކު އިއްޔެ ބައްދަލުވުމެއް ބާއްވައި، އެއާޕޯޓުގެ ޑިވެލޮޕްމަންޓް ޕްލޭނާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެ ބައްދަލުވުން އޮތީ އިއްޔެ ރައީސް އޮފީހުގައި އެވެ.
ޝޯޓްލިސްޓް ކުރެވުނު އަށް ފަރާތުން، 23 ބައިވެރިން އެ ބައްދަލުވުމުގައި ބައިވެރިވި ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ. އަދި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރާނީ އެ ފަރާތްތަކުން ހުށަހަޅައި ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް )ޕީޕީޕީ(ގެ ދަށުން ތަރައްގީކުރުމަށް ނިންމާފައިވާ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް މީގެ ކުރިން ވެސް ސަރުކާރުން ވަނީ މަސައްކަތްކޮށްފަ އެވެ.
އެ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް ހިންގުމަށްޓަކައި މިހާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ނޮވެމްބަރު 5، 2009 ގައި ސޮއިކޮށްފައިވާ ނަމަވެސް، ދެފަރާތުގެ މެދުގައި އުފެދުނު ބައެއް ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެ އެއްބަސްވުމުން ވަނީ ބާތިލްކޮށްފަ އެވެ.
ޓްރާންސް ޕޯޓުން ކުރިން ބުނެފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި އެއާޕޯޓް ތަރައްގީ ކުރަނީ ކުދި މަތިންދާ ބޯޓު ޖެއްސޭ ފެންވަރުގެ ބައިނަލް އަގުވާމީ އެއާޕޯޓެއް ގޮތުގަ އެވެ. އަދި ދެވަނަ ފިޔަވަހީގައި އޭ 320 މަރުކާގެ ބޯޓުފަހަރު ޖެއްސޭ ވަރަށް އެއާޕޯޓް ތަރައްގީކޮށް، ތިން ވަނަ ފިޔަވަހީގައި ބޯއިން 747- 400ގެ ބޯޓުފަހަރު ޖެއްސޭ ވަރަށް ތަރައްގީކުރުމަށް ޕްލޭންކޮށްފައިވެ އެވެ.