ދެކުނު އެފްރިކާގެ ރީތީގެ ރާނީ ޑެމީ ލެއި ނެލް ޕީޓާސް ޔަތީމުހާނާ އަށް ކުރި ޒިޔާރަތެއްގައި އަންގި ލައްވައިގެން ކަޅު ނަސްލުގެ ކުދިންނަށް ކާންދިނުމުން އެކަމަނާ ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އެ މައްސަލަ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ހޫނުވެއްޖެ އެވެ.

އެކަމުގައި ޔަތީމްހާނާ އިން ފަހުން ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ބުނެ ވަނީ ޑެމީ ދިފާއުކޮށްފަ އެވެ.

"ޑެމީ ކަޅު ކުދިންގެ ގައިގައި އަތްނުލާންވެގެން އަންގިލެއްވީކީއެއް ނޫން. ސިއްހީ ގޮތުން ރައްކަލަކަށް ޓަކައި ކުޑަކުދިންގެ ކައިރީގައި ކާއެއްޗެތި ގެންގުޅޭ އިރު އަހަރުމެން ވޮލަންޓިއަރުން ކައިރީގައި ބުނިން އަންގި ލައްވާށޭ،" އޮލާންޑޯ ވެސްޓުގެ ކޮމިޔުނިޓީ ސެންޓަރުގެ ސްޕޯކްސްޕާސަން ކެރޯލް ދިޔަންތީ ބީބީސީއާ ހަވާލާދީ ބުންޏެވެ.

އަންގި ލައްވައިގެން ކާންދިން މައްސަލާގައި ވަރަށް ގިނަ ބަޔަކު ވަނީ ޑެމީ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ކުށްވެރިކޮށްފަ އެވެ. އަދި ކުއްތާއާ އެކު ޑެމީ ނަގައިފައިވާ ފޮޓޯތަކާއި އަދި ކަޅު ކުދިންނާ އެކު ނަގައިފައިވާ ފޮޓޯތައް ވަނީ އަޅައިކިޔައިފަ އެވެ. އަދި ކުއްތާގައި އަތްލާހަދާ އިރު ކަޅު ކުދިންގެ ގައިގައި އަތްލި އިރު އަންގިލެއްވީ ނަސްލީތަފާތު ކުރުން ގެންގުޅޭތީ ކަމަށް ވަނީ ބުނެފަ އެވެ.

ޑެމީ ފަހުން ވަނީ އެކަންތައް ހިނގައި ދިޔަ ގޮތް ހާމަކޮށްދިނުމަށް ޓަކައި ވީޑިއޯ އެއްވެސް ޓުވިޓާގައި އަޕްލޯޑު ކޮށްފަ އެވެ.