ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އެގައުމުގެ ކެބިނެޓަށް އަދި ވެރިކަންކުރާ ޕާޓީގެ ލީޑަޝިޕަށް ބޮޑު ބަދަލުތަކެއް މިއަންނަ މަހު ގެންނަން ތައްޔާރުވެއްޖެ އެވެ.

މިގޮތަށް ފިޔަވަޅު އެޅުމަށް އަބޭ މިނިންމެވީ ދާދިފަހުން އެގައުމުގައި ބޭއްވި ހިޔާލުހޯދުމުގެ ވޯޓުގެ ނަތީޖާ އިން އެބޭފުޅާއަށް އޮތް ތާއީދު ވަރަށް ބޮޑަށް ވެއްޓިފައިވާތީ ކަމަށްވެ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ޖަޕާނުގެ ބޮޑުވަޒީރުގެ ބޮޑާ މިޒާޖުފުޅުގެ ސަބަބުން އެގައުމުގެ ގިނަ ރައްޔިތުންނެއް ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. ދާދިފަހުން ޖަޕާނުގެ ޔޮމިއުރީ ޝިންބުން މަޖައްލާއިން ކުރިޔަށްގެން ދިޔަ މި ވޯޓުގެ ނަތީޖާއިން ބޮޑުވަޒީރު އަބޭއަށް އެގައުމުގެ ރައްޔިތުންގެ ރުހުން އޮތީ އެންމެ 36 ޕަސެންޓެވެ. އޭގެ މަހެއްހާ ދުވަސްކުރިން 49 ޕަސެންޓްގައި އޮވެފައި މިވަރަށް ވެއްޓުނީ އަބޭގެ ސަރުކާރަށް ތަފާތު އެކިއެކި ތުހުމަތުތަކެއް ކުރެވެމުންދާ ދުވަސްވަރެއްގަ އެވެ.

މީގެ ތެރޭގައި އަބޭގެ ރަހްމަތްތެރި ވިޔަފާރިވެރިއެއްގެ ވިޔަފާރިއަށް ފައިދާކުރާނެ ފަދަ ގޮތަކަށް ނުފޫޒުފޯރުވާފައިވާ ކަމުގެ ތުހުމަތު ވެސް ހިމެނެ އެވެ.

އަބޭ ވަނީ މިހުރިހާ ތުހުމަތުތަކެއް ވެސް ދޮގުކުރައްވާފަ އެވެ.

ޖަޕާނު ބޮޑުވަޒީރު ޝިންޒޯ އަބޭގެ އެޕްރޫވަލް ނުވަތަ ރުހުން އޮތް މިންވަރު 2012ގެ ފަހުން މިހާބޮޑަށް ވެއްޓުނު މިއީ ފުރަތަމަ ފަހަރެވެ.