ސައޫދީ އަރަބިއާ އިސްކޮށް އޮވެ އަރަބިކަރައިގެ އިސް ބައެއް ގައުމުތަކުން ވަނީ ދާދިފަހުން ގަތަރުން ޓެރަރިޒަމްއަށް ސަޕޯޓްކޮށް ޓެރަރިސްޓުންނަށް ފަންޑު ކުރާކަމަށް ބުނެ އެގައުމާ ދެމެދު އޮތް ވިޔަފާރިއާއި އިގުތިޞާދީ ގުޅުންތައް ކަނޑާލާފަ އެވެ.

ސައޫދީ އިސްކޮށް އޮވެ ގަތަރާއި ގުޅުންތައް ކަނޑާލާފައިމިވަނީ އެމެރިކާގެ ރައީސް މިއަހަރު ސައޫދީ އަރަބިޔާއަށް ކުރެއްވި ދަތުރުފުޅުގައި ގަތަރުން ޓެރަރިޒަމަށް ފަންޑުކުރާ ކަމަށް ބުނެ ތުހުމަތުތަކެއް ކުރެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ގަތަރުގެ ރައީސް ޝޭހް ތަމީމް ބިން ހަމަދު ބިން ޚަލީފާ ---

އެއްބަޔަކު މިއީ ސައޫދީ އަރަބިޔާ އިން އަރަބިކަރައިގައި އެމީހުންގެ ބާރާއި ނުފޫޒު ފޯރުވަން ކުރާ މަސައްކަތެއްކަމަށް ބުނެ އަދި ގަތަރުން ގުދުރަތީ ގޭހުގެ ވިޔަފާރީގައި ކުރިއަރައިގެން ދިޔުމުގެ ސަބަބުން އެކަމަށް ހުއްޓުމެއް ގެނައުމަށް ކުރި ކަމެއްކަމުގައިވެސް ބުނެ ތުހުމަތުކުރަމުންނެވެ.

އަދި ދާދިފަހުން ސައޫދީއިން ވަނީ ގަތަރާއި ދެކޮޅަށް އަޅާފައިވާ ފިއްތުންތައް އިތުރަށް ވަރުގަދަކުރާނެކަމަށް އަންގައިފަ އެވެ.

މިކަންކަމާއި ވިއްދާ ގަތަރުން ވެސް ވަނީ މި ހަމަނުޖެހުމާ ގުޅޭ ގޮތުން ރައްދު ދީފަ އެވެ.

އެގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޝޭޙް އަބްދުﷲ ބިން ސައުދު އަލް ތާނީ ސީއެންބީސީ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެގައުމުގެ ރިޒާވްގައި 340 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް އެބަހުރިކަމަށާއި އަދި އެއީ އެމީހުންނަށް އަރަބިކަރައިގެ ގައުމުތަކުގެ ފިއްތުންތައް ހުރިކަމުގައި ވިޔަސް އެގައުމަށް ފައިދާކުރުވަނިވި ގޮތަކަށް ބޭނުންކުރެވޭނެ ފައިސާއެއް ކަމުގަ އެވެ.

މީގެ އިތުރުން އެމެރިކާގެ ސްޓޭޓް ސެކެޓްރީ ރެކްސް ޓިލަސަން ގަތަރު-ގަލްފް މައްސަލައިގައި އެދެވޭ ހައްލެއް ހޯދުމަށް ކުވައިތަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވަނީ ސްޓޭޓް ސެކެޓްރީ ކުވައިތަށް ކުރައްވާ ދަތުރުފުޅަކީ "ހަލަބޮލިވަމުންދާ ގަތަރު-ގަލްފް މައްސަލައަށް ރަނގަޅު ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް" ކަމުގަ އެވެ. އެބޭފުޅާ ކުވައިތުގެ ވަލީއަހްދު ޝޭހް ސަބާހް އަލް އަހްމަދު އަލް ސަބާހްއާ މިއަދު ޖީއެމްޓީ ގަޑިން 16:15 ގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.