10 Jul 2017, 14:02
އިޓަލީގެ ތަޖުރިބާކާރު ފޯވަޑް ފްރެންޗެސްކޯ ޓޮޓީ ގުޅޭނީ ޖަޕާނުގެ ޓޯކިޔޯ ވާޑީ ނުވަތަ އޭނާގެ ފުޓްބޯޅަ ކެރިޔަރު ފެށިގެން މިދިޔަ ސީޒަނާ ހަމައަށް ކުޅުނު ރޯމާއާ ކަމަށް ޓޯކިޔޯ ވާޑީގެ ރައީސް ބުނެފި އެވެ.
އުމުރުން 40 އަހަރުގެ ޓޮޓީ މިދިޔަ ސީޒަނަށް ފަހު ރޯމާއާ ވަކިވީ އެ ކްލަބަށް ކުޅޭތާ ގިނަ އަހަރުތަކަކަށްފަހު އެވެ. ރޯމާގެ ޔޫތު ޓީމުތަކަށް ކުޅުމަށް ފަހު އޭނާ އެންމެ ފުރަތަމަ އެ ކްލަބުގެ ސީނިއާ ޓީމާ ގުޅުނީ 1992 ވަނަ އަހަރެވެ.
ޓޯކިޔޯ ވާޑީގެ ރައީސް ހިޑެޔުކީ ހަންޔޫ ބުނީ، އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބަކާ ޓޮޓީ ގުޅޭނެ ފުރުސަތެއް ނެތް ކަމަށެވެ.
"އެޖެންޓުންގެ ފަރާތުން އަހަރެންނަށް އެނގުނު އެއްޗަކީ ޓޮޓީއަށް އޮތީ ދެ މަގެއްކަން. އެއީ ރޯމާއަށް އަލުން ކުޅުން، ނުވަތަ ވާޑީއާ ގުޅުން. އޭގެ ތެރޭގައި އެމެރިކާއަށް ދިއުމެއް ނުވޭ. އަހަރެން އަޑުއެހިން ޓޮޓީއަށް އެމެރިކާގެ މިއާމީ އަދި އެލްއޭ ގެލެކްސީން ޝައުގުވެރިކަން ފާޅުކުރި ވާހަކައެއް. އެކަމަކު އެކަން އެގޮތަށް ނުވާނެ ކަމުގެ މައުލޫމާތު ވެސް އަހަރެންނަށް ލިބުނު،" ޖަޕާނުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ވާޑީގެ ރައީސް ބުންޏެވެ.
ހަންޔޫ ބުނީ، ޓޮޓީ ޖެހޭނީ ރޯމާއިން ކެރިޔަރު ނިންމާލަން ކަމުގައި ބައެއް މީހުން ބުނަމުންދާ ކަމަށާއި އެކަމަކު ޓޮޓީ ބޭނުން ވަނީ އޭނާ އަމިއްލައަށް ނިންމުމެއް ނިންމަން ކަމަށެވެ. އަދި ވާޑީއާ ގުޅުމާމެދު ޓޮޓީ ވަރަށް ފުންކޮށް ވިސްނާނެ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.
ރޯމާގެ އާ ކޯޗު ޔޫސޭބިއޯ ޑި ފްރެންޗެސްކޯ ވެސް ވަނީ ޓޮޓީއާ ގުޅޭ ގޮތުން ދާދިފަހުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ، ރޯމާގެ ޑިރެކްޓަރެއްގެ މަގާމަށް ޓޮޓީ އަންނާނެ ކަމުގައި ބެލެވޭ ކަމަށެވެ. ޓޮޓީ ވަނީ ރޯމާއަށް 600 އަށް ވުރެ ގިނަ ލީގު މެޗު ކުޅެ، ސެރީއާގައި 250 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ޓޮޓީއަކީ ސެރީއާގެ ތާރީހުގައި ދެވަނައަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އެވެ. ސެރީއާގެ ތާރީހުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަކީ އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ސިލްވިއޯ ޕިއޮލާ އެވެ. އޭނާ ވަނީ 274 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ޓޮޓީ ހޯދުމަށް މަސައްކަތްކުރާ ޖަޕާނުގެ ޓޯކިޔޯ ވާޑީއަކީ ޖަޕާނުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމެކެވެ.