މީޑިޔާ އަށް ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމުގެ ހާލަތު މިސަރުކާރު އައިފަހުން ރަނގަޅު ވެފައިވާ ކަމަށާއި އެހެން ނަމަވެސް މީޑިޔާގެ އަޑުކަނޑުވާލައި މީޑިޔާގެ މިނިވަން ކަމަށް ހުރަސް އެޅުމުގެ ބައެއް ހާދިސާތައް ހިނގާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ]އެޗްއާރުސީއެން[ އިން ބުނެފި އެވެ.

އެޗްއާރުސީއެމް އިން އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅި ކަރުދާހެއްގައި ބުނެފައި ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތައް ކަވަރު ކުރުމަށް މަސައްކަތްކުރާ ނޫސްވެރިންނާ ފުލުހުން ކުރިމަތިލަނީ ބާރާއެކުގައި ކަމަށެވެ. އެގޮތުން ފާހަގަކޮށްފައިވާ އެއް ހާދިސާއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އިދިކޮޅު ދިވެހި ރައްޔިތުންގެ ޕާޓީ ]ޑީއާރުޕީ[ އިން ބޭއްވި އެއްވުމެއް ކަވަރު ކުރަމުން ދިޔަ ބައެއް ނޫސްވެރިން ކުޑައިރުކޮޅަކަށް ހައްޔަރުކުރި ހާދިސާ އެވެ.

މީޑިޔާގައި މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ އެޗްއާރުސީއެމް އިން ބުނެފައި ވަނީ އެ މުޒާހަރާގައި ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބައެއް ނޫސްވެރިންނަށް އަނިޔާވި ކަމަށެވެ.

އަދި ބުނެފައި ވަނީ ނޫސްވެރިންނަށް ހުރަސްއެޅުމަށް ފުލުހުން ކުރާ ކަންތައްތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[ އިން އަބަދު ވެސް ކުށްވެރިކުރާ ކަމަށާއި ބައެއް ނޫސްވެރިންގެ ގައިގާ ފުލުހުން މުގުރުން ތަޅެމާއި ޕެޕާ ސްޕްރޭ ޖެހުން ފަދަ ކަންތައްތައް ހިނގާފައިވާ ކަމަށް އެޖަމިއްޔާ އިން ތުހުމަތު ކުރާ ކަމަށެވެ. އަދި ބައެއް ފަހަރު ނޫސްވެރިންގެ އަތުގައި ބިޑިއަޅުވައި ހައްޔަރު ވެސް ކޮށްފައިވާ ކަމަށް އެޗްއާރުސީއެމްގެ ކަރުދާހުގައިވެ އެވެ.

ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ކުރާ ކަންތައްތަކުގެ އިތުރުން ސިޔާސީ ފަރާތްތަކުން ވާގިވެރިވެގެން ނޫސްވެރިންނާ ދެކޮޅަށް ގޭންގް ކުށްތައް ހިންގާފައިވާ ކަމަށް ވެސް ކަރުދާހުގައިވެ އެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި ނޫހެއްގެ ޓެކްނީޝަނަކަށާއި ނޫސްވެރިއަކަށް ވެސް ހަމަލާދީފައިވާކަން އެ ކަރުދާހުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ބައެއް މީޑިޔާތަކުގެ އޮފީސްތަކަށް ކޮންބައެއްކަން ނޭނގޭ ގޮތަށް މީހުން ވަދެ ގެއްލުން ދީފައިވާ ކަމަށާއި މަސްދަރު ހޯދުމަށްޓައި ބައެއް ނޫސްވެރިން ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައިވާ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެޗްއާރްސީއެމްގެ ކަރުދާހުގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިދީފައިވާ އިރު ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ރާއްޖޭގެ ނޫސްވެރިންނަށާއި ބައިނަލް އަގުވާމީ ނޫސްވެރިންނަށް ވެސް ބައެއް ތަންތަނުން މައުލޫމާތު ނުދީ ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓުމެވެ. އަދި މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ބިލް ފާސްނުވެ މަޖިލިސްގައި އޮތްކަން ވެސް އެ ކަރުދާހުގައި ވަނީ ފާހަގަކޮށްފަ އެވެ.