10 Jul 2017, 13:17
ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޑޮކްޓަރަށް ދެއްކުމަށް ފަހު އަނބުރާ މާފުށީ ޖަލަށް ގެންގޮސްފި އެވެ.
އެ ދެ ބޭފުޅުން އެކުގައި އައިޖީއެމްއެޗަށް ގެންދިޔަ ނަމަވެސް ޑޮކްޓަރަށް ދައްކާފައި ވަނީ ކީއްވެކަމެއް ވަނީ ޔަގީން ވާގޮތް ނުވެފަ އެވެ. އަދި އެނގިފައިވާ ގޮތުގައި އާއިލާއަށް ވެސް އަންގާފައި ނުވެ އެވެ.
އެ ކަމާ ގުޅޭ ގޮތުން ކަރެކްޝަންގެ ބަހެއް ހޯދުމަށް އެ ތަނުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނާޒިމާއި އިދިކޮޅު ފަރާތްތަކުން 2015ގައި ބޭއްވި އެއްވުމެއްގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ އިމްރާން ކުރިން މާފުށީ ޖަލުގައި ހުންނެވީ އެއް ގޮޅީގަ އެވެ. ނަމަވެސް މިދިޔަ ރޯދަމަހަށް ގެއަށް ބަދަލުކުރުމަށް ފަހު ގެންދިޔަ ދުވަހު މީޑިއާ އަށް އިންޓަވިއު ދިން ކަމަށް ބުނެ އިމްރާން ވަނީ އެހެން ގޮޅިއަކަށް ބަދަލުކޮށް ކުރިން ދެމުންދިޔަ ބައެއް އިނާޔަތްތައް ވެސް ކަނޑާލައިފަ އެވެ.