10 Jul 2017, 12:53
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަމުން އެޓާނީ ޖެނެރަލް އަނިލް ވިދާޅުވީ، އެ މައްސަލައަކީ ދިވެހިރައްޔިތުންގެ ފަރާތުން ހުށަހަޅާ ދުސްތޫރީ މައްސަލައެއް ކަމަށެވެ.
ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ، މެމްބަރަކު މަޖިލީހަށް އިންތިހާބުވާއިރު ހުރި ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެގޮތަށް ކަނޑައަޅަނީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ މާނަކޮށްގެން ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
އަނިލް ވިދާޅުވީ ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރުގައި ރައްޔިތުންގެ ތާއީދު ހޯދައިގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، ވޯޓު ދިން ރައްޔިތުންނަށާއި، ޕާޓީއަށް ގައްދާރުވެ ޕާޓީ ބަދަލުކުރުމަކީ އަމަން އަމާންކަމާއި ގައުމުގެ ސިޔާދަތަށް ނުރައްކާ ކަމެއް ކަމަށެވެ. އެހެން ކަމުން ދައުލަތުން ގަބޫލު ކުރާ ގޮތުގައި އެއީ ޑިމޮކްރަސީއާވެސް ޚިލާފު ކަމެއް ކަމަށާއި، އެއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަަށް އަނިލް ވިދާޅުވިއެވެ.
އަނިލް ވިދާޅުވީ، މެމްބަރަކު މެމްބަރު ކަމަށް އަންނަނީ ވަކި ސިޔާސީ ފިކުރެއްގައި އެ ޕާޓީއެއް ނުވަތަ އެ ފިކުރެއް ކުރިއެރުވުމަށް ކަމަށާއި، މެމްބަރަކު އެ ފިކުރަކާ ޚިލާފުވެ އެ ޕާޓީން ވަކިވެ ނުވަތަ ޕާޓީ ބަދަލުކުރުމަކީ އެ ޕާޓީއަށާއި، ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ.
އޭނާ ވިދާޅުވީ، ޑިމޮކްރަސީގައި ކުރިއަރާފައިވާ ގައުމުތަކުގައިވެސް އޮންނަނީ މެމްބަރަކު ހޮވޭ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ކަމަށާއި އެކަން އެހެން ކަނޑައަޅާފައިވަނީ، އަމަން އަމާންކަން ގާއިމް ކުރުމަށް ކަމަށެވެ.
އޭގެ އިތުރުން އިނގިރޭސިވިލާތުގައި މެމްބަރަކު ޕާޓީން ވަކިވާނަމަ އާއްމުކޮށް އެކަން ފާޅު ކުރާ ކަމަށާއި، އެއަށްފަހު ބައި އިލެކްޝަނަކަށް ގޮސްގެން އަލުން އިންތިހާބު ވުމުގެ ފުރުސަތު އޮންނަ ކަމަށް އަނިލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ މީގެ ކުރިން ދުސްތޫރީ ނިޒާމަށް ހަމަލާތަކެއް ދީފައިވާ ކަމަށާއި، އެގޮތުން 2015 ވަނަ އަހަރު ސަރުކާރު ވައްޓާލުމުގެ ނަމުގައި ނުކުމެ ގައުމުގެ އަމާންކަން ނަގާލަން މަސައްކަތް ކުރި ކަމަށް ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމަށް ލޯންޗު ގޮއްވާލައި ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓުތަކެއް މެދުވެރިކޮށް ރައީސް ޔާމީން ހައްޔަރު ކުރުމަށް ފޭކު އަމުރުތަކެއް ނެރެފައިވާ ކަމަށާއި، އެކަމުގައި ބައިވެރިވި ބައެއް މީހުން ވަނީ ރާއްޖެއިން ފިލާފައި ކަމަށެވެ. ރައީސް ނަޝީދާއި ޖަމީލަށް ނިސްބަތްވާ ގޮތަށް އަނިލް ވިދާޅުވީ ކުރީގެ ރައީސެއްގެ އިތުރުން ނައިބު ރައީސެއް އެކަމުގައި ހިމެނޭ ކަމަށެވެ.
އަނިލް ވިދާޅުވީ އެއީ ކުރިން ދުސްތޫރީ ނިޒާމަށް ދިން ހަމަލާތައް ކަމަށާއި، މިހާރު އެ ނިޒާމަށް ހަމަަލާ ދެމުންދަނީ ރިޝްވަތުދީގެން ކަމަށެވެ. އަދި އެކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ފުލުހުން ތަހުގީގުތައް ކުރިއަށް ގެންދަމުންދާކަމުގައި ވިދާޅުވި އެވެ.