އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިޔާ ހިލަރީ ކްލިންޓަންއާ ދެކޮޅަށް ހެކި އެއްކުރުމުގެ ގޮތުން ރަޝިޔާގެ ވަކީލާ ނަތަލިއާ ވެސެނިޓްސްކާޔާއާ ބައްދަލުކުރެއްވި ކަމަށް އެއްބަސްވެއްޖެއެވެ.

ނަމަވެސް ޑޮނަލްޑް ޓްރަމްޕް ޖޫނިޔާ ވިދާޅުވިގޮތުގައި މި ބައްދަލުވުމުގައި ވަކީލާ ނަތަލިއާ ހިލަރީ ކްލިންޓަންއާ ބެހޭ އެއްވެސް ވާހަކަތަކެއް ހިއްސާކޮށްފައެއް ނުވެއެވެ.

ވަކީލާ ވެސެނިޓްސްކާޔާ އަކީ ރަޝިޔާގެ ކްރެމްލިންއާ ގުޅުންތަކެއް އޮންނަ ފަރާތެއްކަމަށް އެމެރިކާގެ ކޮންގްރެސްއަދި އެފްބީއައި އިން ތުހުމަތުކުރާއިރު، މިއަދުގެ ވަގުތެއްގައި ޓްރަމްޕް ޖޫނިޔާ އަދި ވެސެނިޓްސްކާޔާ ވަނީ މިދިޔަ އަހަރު މިދެބޭފުޅުން ބައްދަލު ކުރެއްވިކަމަށް އެއްބަސްވެފައެވެ.

ހުސްވި އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ނިޔު ޔޯކް ސިޓީގައި ހުންނަ ޓްރަމްޕް ޓަވަރުގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި އެގައުމުގެ ރިޔާސީ އިންތިހާބާއި އަދި ހިލަރީ ކްލިންޓަންއާ ގުޅުންހުރި އެއްވެސް ވާހަކައެއް ހިއްސާ ކުރެވިފައި ނުވާނެކަމަށް ވަކީލާ ވެސެނިޓްސްކާޔާވެސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު އެގައުމުގައި ކުރިޔަށް ދިޔަ ރިޔާސީ އިންތިހާބުގައި ރަޝިޔާއިން ނުފޫޒު ފޯރުވަން މަސައްކަތްތަކެއް ކުރިކަމުގެ ތުހުމަތުތަކެއް އެމެރިކާގެ އެފްބީއައި އިން ވަނީ ރަޝިޔާއަށް ކޮށްފައެވެ.

އަދި އެފްބީއައި އިން ދަނީ މިކަމާ ގުޅޭ ތަހްގީގުތަށް މިހާރު ކުރަމުންނެވެ.