10 Jul 2017, 13:09
ދިވެހިން ބާނާ މަސް ވިއްކުމަށް ހާއްސަކޮށްފައިވާ މާލޭ މަސްމާރުކޭޓުގެ ސާފުތާހިރުކަން މި އަހަރު ނިމެންވާއިރަށް ރަނގަޅު ކުރެވޭނެ ކަމަށް އެތަނުގެ ބެލެނިވެރި ފަރާތްކަމަށްވާ މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ މަސްމާރުކޭޓުގައި ވިއްކާ މަހުގެ ބާވަތްތައް ތަކުރާރުކޮށް ފިނިކޮށްގެން ވިއްކާ އިރު އެ މަސްތަކަށް ފެން ޖެހުމަށް މާރުކޭޓް ކުރިމަތީ އޮންނަ ފަޅުން ފެންނަގަ އެވެ. އެފަޅަކީ ތަގައްޔަރު ވެފައިވާ ފެންގަނޑަކަށްވާ އިރު މަސްތަކަށް ޖަހަނީ އެތަނުން ނަގާ ފެނެ އެވެ. އެކަމުގެ ސަބަބުންސިއްހީ އެތައް މައްސަލައެއްކުރިމަތިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ މާރުކޭޓުގެ ކަންކަން ބެލުމަށް ފުލުހުންނާއި ހެލްތު ޕުރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) ހިމެނޭ ގޮތަށް ކޮމެޓީއެއް އެކުލަވާލުމަށް އެކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެކޮމެޓީގެ މަސައްކަތް މިހަފްތާގައި ފެށި މާރުކޭޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ސަމާއު ވިދާޅުވި އެވެ.
"ރީތިތަނަކަށް އެތަން ބަދަލުވެގެންދާނެ، ސާފުތާހިރު ތަނަކަށް ހަދައި މަސް ފިނިކުރާނެ ގޮތްތަކެއް ހަމަޖައްސާނަން،" ސަމާއު ވިދާޅުވި އެވެ.
މާރުކޭޓު ކުރިމަތީގައި މަސް ވެރިން ބޭނުން ކުރުމަށް ހާއްސަކޮށްފައިވާ ބަނދަރުގެ ކަންކަންވެސް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިއަހަރު ނިމުމުގެ ކުރިން ބޮޑެތި ބަދަލުތަކެއް މަސްމާރުކޭޓަށް ގެންނެސް އެތަނަކީ ސާފުތާހިރު ތަނަކަށް ހަދާނެ ކަމަށާއި ބަޖެޓު ނެތުމުން އެމަސައްކަތްކުރާނީ ވިޔަފާރި އުސޫލުން އައުޓް ސޯސް ކޮށްގެން ކަމަށް ސަމާއު ވިދާޅުވި އެވެ.