11 Jul 2017, 09:36
ރަޝިއާ އިން ސީރިއާގެ މައްސަލާގައި ގެންގުޅޭ ސިޔާސަތުތަކަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ރެކްސް ޓިލަސަން ތާއިދުކުރެއްވުމުން، ރިޕަބްލިކަން ޕާޓިގެ އިސް ސެނެޓަރުން ކަމަށްވާ ޖޯން މެކެއިން އާއި ސެނެޓާ ލިންޑްސޭ ގްރެހަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
"ޓިލަސަން ސީރިއާގެ މައްސަލައިގައި ކަންކުރައްވާ ގޮތުން އަހަރެން ހަމަ ހައިރާންވޭ. އަހަރެމެން މިހާރު ސްޓޭޓް ޑިޕާޓްމަންޓާ މެދު ވަރަށް ކަންބޮޑުވޭ،" ރަޝިޔާއާ މެދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ގެންގުޅުއްވާ ސިޔާސަތާ ގުޅޭ ގޮތުން ލިންޑްސޭ ގްރެހަމް ވިދާޅުވި އެވެ.
ޖީ-20 ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ވަނީ ރަޝިއާގެ ރައީސް ވްލަޑްމިއާ ޕުޓިން ބައްދަލުކުރައްވައިފަ އެވެ. އެ ތިންބޭފުޅުންގެ ބައްދަލުކުރެއްވުމަށް ފަހު ރެކްސަން ވިދާޅުވެފައި ވަނީ ސީރިއާގެ މައްސަލައިގައި ރަޝިއާ އިން ގެންގުޅޭ ސިޔާސަތަކީ އެންމެ ރަނގަޅު ސިޔާސަތުކަމުގައި ވެދާނެ ކަމަށާއި އަދި އެމެރިކާއިން ގެންގުޅޭ ސިޔާސަތަކީ އެންމެ ރަނގަޅު ސިޔާސަތުކަމުގައި ނުވެދާނެ ކަމަށެވެ.
ސެނެޓާ ޖޯން މެކެއިން އަކީ، ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށް ޓަކައި ހައްދުފަހަނަ އަޅާއިފައިވާ ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ސަޕޯޓް ކުރައްވާ ބޭފުޅެކެވެ.
މީގެ ކުރިން މެކެއިން ވަނީ ތުރުކީގެ ތެރެއިން ސީރިއާގެ ތެރެއަށް ވަގަށް ވަދެ، ހައްދުފަހަނައަޅައިފައިވާ ގްރޫޕްތަކާ ބައްދަލުކުރައްވާފަ އެވެ. އެ މައްސަލާގައި މެކެއިން އަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.
ސަނެޓާ ޖޯން މެކެއިން ވަނީ "ސެކެޓްރީ އޮފް ސްޓޭޓް"ގެ މަގާމަށް ޓިލަސަންގެ ނަން ފޮނުއްވީތީ މިހާރު ހިތާމަކުރަށްވާ ކަމަށް ވިދާޅުވަފަ އެވެ.
"ރަޝިއާއަށް އެނގޭ މާކުރިން ވެސް ބައްޝާރުލް އަސަދު ކެމިކަލް ހަތިޔާރު ބޭނުންކުރަށް އުޅޭކަން. އެހެނޭކިޔާފައި ޓިލަސަން މިހާރު އެބުނަނީ ސިރިއާގެ މައްސަލާގައި އަހަރުމެން ގޯހޭ. އެކަމަކު ރަޝިއާގެ ސިޔާސަތު ރަނގަޅޭ،" ސެނެޓާ ޖޯން މެކެއިން ވިދާޅުވި އެވެ.
ސީރިއާގެ މައްސަލާގައި ރަޝިއާ ގެންގުޅޭ ސިޔާސަތަށް ޓިލަސަން ތައުރީފް ކުރެއްވިޔަސް ޓިލަސަން ވަނީ ޔުކްރޭންގެ މައްސަލާގައި އެމެރިކާ ރަޝިޔާއާ މެދު ގެންގުޅޭ ތަފާތު ސިޔާސަތު ހަމައެގޮތަށް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޔުކްރޭންގެ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް އަޅާއިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ދެމިއޮންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.