ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ 23 ވަނަ ދުވަހު އީރާނާ ދެކޮޅަށް ކުޅުމަށް ބުދަ ދުވަހުގެ ރޭ ދިވެހި ގައުމީ ޓީމް އިރާނަށް ފުރުމަށް ހަމަ ޖެހިފައިވާ އިރު، އެ ޤައުމަށްދާ 20 ކުޅުން ތެރިންގެ ފައިނަލް ސްކޮޑް މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް ޤައުމީ ޓީމްގެ މެނޭޖަރު އަލިވަހީދު )ބަލަކް( ވިދާޅުވެއްޖެ އެވެ.

މެޗުގެ ކުރިން އެ ގައުމުގައި ގައުމީ ޓީމު ކޭމްޕް ކުރުމަށްޓަކައި ކުރިން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފުރަން އޮތް ދަތުރު ފަސްކޮށް ބުދަ ދުވަހުގެ ރޭ ގައުމީ ޓީމް އިރާނަށް ދިއުމަށް ހަމަޖެހިފައިވާ އިރު ޤައުމީ ޓީމްގެ ކޯޗް ޑިއޭގޯ ކްރިސިއާނީ އިރާނަށް ކުރި ދަތުރު ނިންމާލުމަށް ފަހު މިއަދު މާލެ އަންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ޤައުމީ ކޯޗް އިރާނަށް ކުރި ދަތުރަކީ، ރާއްޖެ އާއި ދެކޮޅަށް އިރާން ނުކުންނަ އިރު، މަޑަގަސްކަރަ އާއި ދެކޮޅަށް އިރާން ކުޅުނު މެޗް ބަލާލުމަށް ޓަކައި ކުރި ދަތުރެކެވެ.

ބަލަކް ވިދާޅުވީ، ކޯޗާ އެކު މާދަމާ ޤައުމީ ޓީމް އިރާނަށް ފުރާ އިރު، ޓީމްގައި އެއްވެސް ކަހަލަ އަނިޔާގެ މައްސަލައެއް ނެތް ކަމަށެވެ.

ތޭވީސް ވަނަ ދުވަހު އިރާނާ ދެކޮޅަށް ކުޅުމަށް ޤައުމީ ޓީމް ފުރާ އިރު، ޓީމުން ބާކީ ކުރާ ފަސް ކުޅުން ތެރިން އަލުން ޓީމާ ގުޅޭނީ ޓީމް އެނބުރި މާލެ އައުމުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ގައުމީ ޓީމު ވަނީ އީރާން މެޗަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި އިންޑިޔާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެ 1-1 އިން އެއްވަރުކޮށްފަ އެވެ.

އިރާނާ ދެކޮޅަށް ދިވެހި ޓީމް ކުޅޭ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ފަސްގަޑުގައި މި މަހުގެ 28 ވަނަ ދުވަހު އެވެ.