ސްޓެލްކޯ އިންދޭ ކަރަންޓުގެ ޚިދުމަތުން ނަގާ ފިއުލް ސާޗާޖު ކަނޑާލައިފި އެވެ.

ސްޓެލްކޯ އިން ފިއުލު ސާޗާޖު ކަނޑާލީ، މިދިޔަ މަހުގެ ތެރޭގައި ސަރުކާރުން ތެލުގެ ޑިއުޓީ ކަނޑާލުމާ ގުޅިގެންނެވެ.

ސްޓެލްކޯ އިން މިއަދު ބުނި ގޮތުގައި، މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ފިއުލް ސާޗާޖު ވަނީ 0.00 އަށް ދަށްވެފަ އެވެ. އެންމެ ފަހުން ފިއުލް ސާޖާޗުގެ ގޮތުގައި ނަގަމުން ދިޔައީ ޔުނިޓަކުން 0.35 ރުފިޔާ އެވެ.

ފިއުލް ސާޗާޖު ކަނޑާލުމާ އެކު، ކަރަންޓުގެ އަގު ހެޔޮވެގެން ދާނެ އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލަތީފް ވިދާޅުވީ ކަރަންޓުގެ ޚިދުމަތަށް އައި ބަދަލާ އެކު، ކަސްޓަމަރުން އެކުންފުންޏަށް މަހަކު ދައްކާ ފައިސާ އިން 8.54 މިލިޔަނެއްހާ ރުފިޔާ އުނިވެގެން ދާނެ ކަމަށެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި، އާންމު ދިރިއުޅުމަށް ކަރަންޓް ބޭނުންކުރާ 73 ޕަސެންޓް މީހުންނަކީ 600 ޔުނިޓަށް ވުރެ މަދުން ކަރަންޓު ބޭނުންކުރާ މީހުން ކަމަށާއި އެފަރާތްތަކުގެ ބިލްތަކުން 10 ޕަސަންޓާ 15 ޕަސަންޓާ ދެމެދުގެ އަދަދެއް ކުޑަވެގެން ދާނެ ކަމަށެވެ. އަދި 600 ޔުނިޓަށް ވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ ބިލްތަކުން ހަތް ޕަސަންޓާއި ނުވަ ޕަސަންޓާ ދެމެދުގެ އަދަދެއް ކުޑަވާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މީގެ އިތުރުން ވިޔަފާރިތަކުގެ ތެރެއިން 1،000 ޔުނިޓަށް ވުރެ މަދުން ކަރަންޓް ބޭނުންކުރާ ތަންތަނުގެ ކަރަންޓު ބިލު ހަ ޕަސަންޓާއި ހަތް ޕަސަންޓާ ދެމެދުގެ އަދަދަކުން ކުޑަވާނެ ކަމަށާއި 1،000 ޔުނިޓަށް ވުރެ މަތިން ކަރަންޓު ބޭނުންކުރާ ތަންތަނުގެ ބިލު ހަ ޕަސަންޓުން ކުޑަވާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯ އިން ބުނީ ފިއުލް ސާޗާޖު ކަނޑާލުމާ ގުޅިގެން ކަރަންޓު ބިލަށް އައި ހެޔޮ ބަދަލު މި ޖުލައި މަހު ލިބޭ ބިލުން ނުފެނުނު ނަމަވެސް، އޯގަސްޓް މަހުގެ ބިލުން ފެށިގެން އެކަން ފެނިގެން ދާނެ ކަމަށެވެ.