ރޯމާގެ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ، އިނގިރޭސި ޗެމްޕިއަން ޗެލްސީއާ ގުޅިއްޖެއެވެ.

ރުޑިގާ ހޯދުމުގެ މަސައްކަތް ޗެލްސީން މިދިޔަ އަހަރު ފެށިއިރު، އޭނާ އެ ކްލަބާ ގުޅުނީ 34 މިލިއަން ޕައުންޑަށް ކަމަށް ހަބަރުތައް ބުނެއެވެ.

ޗެލްސީއާ ރުޑިގާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކްލަބުގައި އޭނާ ބޭނުންކުރާނީ ޗެލްސީގައި ކުރިން ބްރަނިސްލާވް އިވަނޮވިޗް ބޭނުންކުރި ދެ ނަންބަރުގެ ޖާޒީއެވެ. އިވަނޮވިޗަކީ މި އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށް ޒެނިތާ ގުޅުނު ޑިފެންޑަރެކެވެ.

ސްޓުޓްގާޓުން ރޯމާއާ ގުޅުނު ރުޑިގާ ވަނީ އެ ކްލަބުގައި ދެ ސީޒަނު ހޭދަކޮށްފައެވެ. މިދިޔަ ސީޒަނުގައި ރޯމާއަށް 26 ލީގު މެޗު އޭނާ ކުޅުނުއިރު، އެ ކްލަބުން ލީގު ނިންމާލީ ދެވަނާގައެވެ. ރުޑިގާ ޗެލްސީއަށް ސޮއިކޮށްފައިވާއިރު، އޭނާ ރޯމާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2020 ވަނަ އަހަރެވެ.

ރުޑިގާއަކީ ކުރިއަށްއޮތް ސީޒަނަށް ޗެލްސީއާ ގުޅުނު ދެވަނަ ކުޅުންތެރިޔާއެވެ. ފުރަތަމަ އެ ކްލަބާ ގުޅިފައިވަނީ މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ގޯލްކީޕަރު ވިލީ ކަބަލޭރޯއެވެ.