މަރުކަޒީ ބޭންކް އެމްއެމްއޭގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް ލޯނު ދޭ ގަވައިދު އާންމުކޮށްފި އެވެ.

އެމްއެމްއޭ އިން މި ހަފްތާގައި އާންމުކުރި ގަވައިދުގައި ބުނާ ގޮތުގައި، އެތަނުގެ މުވައްޒަފުންނަށް ލޯނު ދޫކުރާނީ ދިރިއުޅުމަށް ގެއެއް ނުވަތަ ފްލެޓެއް ގަތުމަށް، ނުވަތަ މުވައްޒަފާއި އާއިލާ ދިރިއުޅުމަށް ތަނެއް އިމާރާތް ނުވަތަ މަރާމާތު ކުރުމަށެވެ. މީގެ އިތުރުން މުވައްޒަފުގެ ދަރިއަކު މަތީ ތައުލީމު ހާސިލުކުރުމަށް ޓަކައި ވެސް ލޯނު ދޫކުރާނެ އެވެ.

މީގެ އިތުރުން ވެސް ވަގުތާ ހާލަތަށް ބަލައި، ގަވަރުނަރަށް ފެނިއްޖެ ހިނދެއްގައި އެހެން ކަންކަމަށް ވެސް މުވައްޒަފަށް، އެ މުވައްޒަފުގެ ތިން މަސް ދުވަހުގެ މުސާރައަށް ޖެހޭ އަދަދަށް ވުރެ އިތުރު ނުވާ ވަރުގެ ލޯނެއް ދެވިދާނެކަމަށް ގަވައިދުގައި ބުނެ އެވެ.

އެމްއެމްއޭ އިން ލޯނު ދޫކުރަނީ އެ އޮތޯރިޓީގައި މަދުވެގެން ފަސް އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ދާއިމީ މުވައްޒަފުންނަށެވެ.

ގެއެއް ނުވަތަ ފްލެޓެއް ގަތުމަށް ލޯނު ދޫކުރަނީ ގަންނަން ބޭނުންވާ ގެ ނުވަތަ ފްލެޓު ލިބޭނެކަމުގެ ޔަގީންކަން އޮތުމުގެ އިތުރުން، އަމިއްލަ ނަމުގައި މާލޭގައި 600 އަކަފޫޓުގެ ގޯއްޗެއް، ރޯހައުސެއް ނުވަތަ ފްލެޓެއް ނެތް މުވައްޒަފުންނަށެވެ. އަދި އެމްއެމްއޭ އިން ލިބޭ ޖުމްލަ މުސާރައަކީ އެ މުވައްޒަފަށް ދޫކުރާ ލޯނަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު އުނިކުރެވޭނެ މިންވަރުގެ މުސާރައަކަށް ވާން ޖެހޭ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

އާއިލާއާ އެކު ދިރިއުޅުމަށް ގެއެއް އިމާރާތްކުރުމަށް ޓަކައި ލޯނު ދޫކުރަނީ، އިމާރާތް އަޅާ ގޯއްޗަކީ މުވައްޒަފުގެ މަންމަ، ބައްޕަ، އަނބިމީހާ ނުވަތަ ފިރިމީހާ، ނުވަތަ ދަރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްގައި އިމާރާތްކުރާނަމަ އެވެ.

އެމްއެމްއޭ އިން ބުނީ ލޯނަށް އެދި ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ލޯނު ލިބޭނެ މުވައްޒަފުން ކަނޑައަޅާނީ، ޝަރުތު ހަމަވާ މުވައްޒަފުންގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ އުސޫލުން ކަމަށެވެ.