ކުޅި އަދި ޗަސްބިމުން މަންފާ ހޯދުމާބެހޭ ޕްރޮގްރާމެއް ފުވައްމުލަކުގައި ފަށައިފިއެވެ. އެ ޕްރޮގްރާމް ފުވައްމުލަކުގައި އިފްތިތާހް ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމެވެ.

މިއީ އެންވަޔަރަމަންޓް މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކެޓް (ސީސީއޭޕީ) އިން އިސްނަގައިގެން މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (އެމްއޭސީސީ)އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

އެގޮތުން އަތްތެރި މަސައްކަތުގެ ދާއިރާއާ ގުޅޭ ފަންނީ ބޭފުޅުންނަށާއި އޯގަނިކް ފާމިންގެ މަސައްކަތުގައި އުޅޭ މީހުންނަށް އަމާޒު ކޮށްގެން އެ ޕްރޮގްރާމް ފަށާފައިވަނީ ޖުމްލަ 80 މީހުންނާއެކުއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ކަމާބެހޭ ތަޖުރިބާކާރުންނާއެކު ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ތުނޑުކުނާ ވިޔާނެ ގޮތާއި އެކިއެކި ސުވަނިއާސް ހަދާނެ ގޮތް ދަސްކޮށްދޭނެ ކަމަށެވެ.

ފުވައްމުލަކުގައި ދެ ކުޅިއެއް އޮވެއެވެ. އެއީ ބަންޑާރި ކުޅި އާއި ދަޑިމަގު ކުޅިއެވެ. އަދި މި ދެތަނަކީ ވެސް ގާނޫނީ ގޮތުން ހިމާޔަތް ކޮށްފައިވާ ދެ ތަނެވެ.