މޫސަލް (ޖުލައި 10) : މޫސަލްގެ ހަނގުރާމަ ކާމިޔާބުކޮށް އައިއެސް ޖަމާއަތުގެ މައްޗަށް ނަސްރު ލިބިއްޖެކަން އިރާގުން އިޢްލާން ކުރުމުން ދުނިޔޭގެ ގައުމުތަކުން އެކަމަށް މަރްޙަބާ ކިޔަމުން އެބަގެންދެ އެވެ.

މިގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ލީޑަރުންނާއި ރަޝިޔާގެ ރައީސް ވްލަޑިމިޔާ ޕޫޓިން އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓޭރަސް އާއި އެނޫން ވެސް ދުނިޔޭގެ އިސް އެތަށް ޝަޚްސިއްޔަތުތަކެއް ވަނީ އެކަމަށް މަރްޙަބާ ވިދާޅުވެ އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ އަށް މެސެޖްތައް ފޮނުއްވާފަ އެވެ.

އިރާގު ސިފައިން މޫސަލްގެ ހަނގުރާމަ ކާމިޔާބުކުރިކަމާއި އައިއެސް ބަލިކޮށްލެވިއްޖެކަން ހާމަކޮށް އަސްކަރީ ބަޔާނެއް ނެރުމާއެކު ބޮޑުވަޒީރު ހައިދަރުލްއަބާދީ ވަނީ ކުއްލިގޮތަކަށް މޫސަލް އަށް ވަޑައިގެން އިރާގުގެ ސިފައިންގެ އިސް ކޮމާންޑަރުންނާއި ސިފައިންގެ ބައެއް މީހުންނާ މޫސަލްގައި ބައްދަލުކުރައްވައި އެބޭފުޅުންނަށް މަރްހަބާ ވިދާޅުވެ ހިއްވަރު ދެއްވައި އެބޭފުޅުންނަކީ ބަތަލުންކަމަށް ސިފަކުރައްވާފަ އެވެ. މޫސަލްގެ ހަނގުރާމަ ކާމިޔާބުކޮށް އައިއެސް ޖަމާއަތުގެ މައްޗަށް ނަސްރު ލިބިއްޖެކަން އިރާގުން އިޢްލާން ކުރިނަމަވެސް ފިލަފިލައިގެން މޫސަލްގެ ބައެއް އިމާރާތްތަކުގެ ތެރޭގައި އައިއެސް ހަނގުރާމަވެރިން އުޅޭ ކަމަށާއި އެމީހުންގެ ތެރެއިން އަދިވެސް ބައެއް ހަމަލާތައް އަންނަ ކަމަށްވެ އެވެ.

މޫސަލްގެ ހަނގުރާމަ ކާމިޔާބުވިކަން އިރާގު ސިފައިން އިޢްލާންކުރީ މޫސަލްގެ ހުޅަނގުގައިވާ ދިޖްލަތުގެ ކޯރުގެ އައްސޭރިފަށަށް އިރާގު ސިފައިން ވާސިލްވުމުންނެވެ. މިހާރު އައިއެސްގެ ކޮންޓްރޯލް އޮތް އެއްވެސް ސަރަހައްދެއް މޫސަލްގައި ނެތްކަމަށް އިރާގުން ބުނެ އެވެ. އަދި އައިއެސްގެ ދިފާއީ ލައިންތައް އެއްކޮށް ރޫޅިފައިވާ ކަމަށްވެސް އިރާގުން ބުނެ އެވެ. ނަމަވެސް އައިއެސްގެ ފިލަފިލައިގެން މޫސަލްގެ ބައެއް އިމާރާތްތަކުގެ ތެރޭގައި އަދިވެސް އުޅޭކަމަށްވެ އެވެ. އެމީހުންގެ ކިބައިން މޫސަލް އެއްކޮށް ސާފުކުރުމަށް އަދި ދެތިން ދުވަސްބޭނުންވާ ކަމަށް އިރާގު ސިފައިންގެ ކޮމާންޑަރުން ވިދާޅުވެ އެވެ.

މޫސަލްގެ ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް މިއީ އާދައިގެ ހަނގުރާމައެއް ނޫނެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މިހާ ނުރައްކާތެރި އަދި އުނދަނގޫ ހަނގުރާމައެއް ދުނިޔޭގެ އެއްވެސް ސަރަހައްދެއްގައި އަދި ނުކުރާ ކަމަށް އަސްކަރީ ރިޕޯޓްތައް ބުނެ އެވެ.

މޫސަލްގެ ހަނގުރާމަ އިރާގު ސިފައިންނަށް ކާމިޔާބު މިކުރެވުނީ އަށްމަހަށްވުރެ ވެސް ދިގުމުއްދަތަކުންނެވެ. މޫސަލްގައި ތިބި އައިއެސްގެ ހަނގުރާމަވެރިންގެ އެތައް ބަޔަކު މަރުވެފައިވާ އިރު ގިނަ ބަޔަކުވަނީ މަރަށް ބިރުން ފިލާފަ އެވެ. ބައެއް ހަނގުރާމަވެރިން ފިލީ ދިޖްލަތު ކޯރަށް ފުންމާލައިގެން ފަތާފައި ދުރު ހިސާބުތަކަށް ގޮސްގެންކަމަށްވެ އެވެ. އައިއެސްގެ އަނެއްބައި ހަނގުރާމަވެރިން ފިލީ ތުނބުނޅި ބާލައި އައިއެސްގެ ޔުނީފޯމް ބޭލުމަށް ފަހު މޫސަލްގެ އާންމުންކަމަށް ހެދިގެން ރެފިއުޖީންގެ ސަފުތަކުގެ ވަދެގެންނެވެ. މޫސަލްގެ ހަނގުރާމަފެށުނުއިރު އެސިޓީގައި އައިއެސްގެ 30 ހާސް ހަނގުރާމަވެރިން ތިއްބެވެ. އޭގެ ތެރެއިން އަށެއްކަ ހާސް ހަނގުރާމަވެރިން މަރުވިކަމަށްވެ އެވެ. އަދި ދެތިން ހާސް ހަނގުރާމަވެރިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވެ އެވެ. ބާކީ ތިބި ހަނގުރާމަވެރިން ފިލީކަމަށްވަނީ ބެލެވިފަ އެވެ.

މޫސަލްގައި އައިއެސް ބަލިވުމުން އިރާގުގައި އައިއެސްގެ ވުޖޫދު ގާތްގަނޑަކަށް ނިމުމަކަށް އައީ އެވެ. އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައި އިރާގުގެ އެއްވެސް ރަށެއް މިހާރު ނެތެވެ. (ނޫސްއެޖެންސީތައް)