10 Jul 2017, 09:20
ޗެކް ބައުންސް މައްސަލައެއްގައި، ފިލްމް 'ބަޖްރަންގީ ބާއިޖާން'ގައި ކަރީނާ ކަޕޫރުގެ މަންމަގެ ރޯލު އަދާކުރި އަލްކާ ކޯޝަލް އާއި އޭނާގެ މަންމަ ދެ އަހަރަށް ޖަލަށް ލައިފި އެވެ.
އަލްކާ ވަނީ 2014 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު 'ކުއީން'ގައި ކަންގަނާ ރަނައުތުގެ މަންމަގެ ރޯލު ވެސް އަދާކޮށްފަ އެވެ.
އަލްކާ އާއި އޭނާގެ މަންމަ ޖަލަށް ލައިފައި ވަނީ ސީރިއަލް އެއް ހެދުމަށް ކަމަށް ބުނެ ދަނޑުވެރިއެއްގެ އަތުން 50 ލައްލަ ރުޕީޒް ނެގުމަށް ފަހު އެ ފައިސާ އަނބުރާ ދީފައި ނުވާ މައްސަލައެއްގަ އެވެ.
ދަނޑުވެރިޔާ އެ ފައިސާ ދައްކަން އެންގުމުން އަލްކާ ވަނީ 25 ލައްކަ ރުޕީޒްގެ ދެ ޗެކެއް ދަނޑުވެރިޔާ އަށް ދީފަ އެވެ. ދެ ޗެކް ވެސް ވަނީ ބައުންސް ވެފަ އެވެ.
އެހެންކަމުން ދަނޑުވެރިޔާގެ ފަރާތުން އެ މައްސަލަ ކޯޓަށް ވެއްދީ 2015 ވަނަ އަހަރު އެވެ. އަދި ދަށު ކޯޓުން ވަނީ އަލްކާ އާއި އޭނާގެ މަންމަ އަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
އަލްކާގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް މިދިޔަ ބުދަ ދުވަހު މަތީ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.
އަލްކާ އާއި އޭނާގެ މަންމަ މިހާރު ތިބީ ޕަންޖާބުގެ ސަންގްރޫރް ޑިސްޓްރިކްޓް ޖަލުގަ އެވެ.
ބޮލީވުޑް ފިލްމުތަކުގެ އިތުރުން އަލްކާ ވަނީ 'ކުބޫލް ހޭ'، 'ކުމްކުމް' އަދި 'ސްވަރާގިނީ' ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ.