ގއ. ކަނޑުހުޅުދޫ ސްކޫލްގައި ކިޔަވައިދޭ އިންޑިޔާގެ ޓީޗަރަކާ ގަދަކަމުން ބަދުއަހުލާގީ އަމަލް ހިންގި މައްސަލައެއްގެ ތުހުމަތުގައި އެ ރަށުގައި އުޅޭ ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި އެވެ.

ކަނޑު ހުޅުދޫގެ ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ދީދީ މިއަދު ވިދާޅުވީ ބަންގްލަދޭޝްގެ އެ މީހާ އެ އަމަލް ހިންގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި އިންޑިޔާގެ ޓީޗަރު ނިދާފައި އޮއްވައި އެމީހާ އޮތް ކޮޓަރީގެ ތަންޑު ކޮންމެވެސް ގޮތަކުން ނައްޓުވައިލައިގެން ވަދެ ކަމަށެވެ. އަދި އެފަދަ ރިޕޯޓެއް ކައުންސިލަށް ލިބިގެން އަނެއް ދުވަހުގެ ހެނދުނު ކައުންސިލުން ގޮސް އެކަންތައްތައް ހިނގައި ދިޔަ ގޮތް އޮޅުން ފިލުވުމަށް ފަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކަނޑުހުޅުދޫ ސްކޫލްގެ ޕްރައިމަރީ ގްރޭޑްގައި އިނގިރޭސި ކިޔަވައިދެމުން އަންނަ އިންޑިޔާގެ އެ ޓީޗަރާ ގަދަކަމުން ބަދައަހުލާގީ އަމަލް ހިންގި މައްސަލައިގެ ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ މީހާ ފުލުހުންނާ ހަވާލުކޮށްފައި ވަނީ އޭނާ އެ ދުވަހު ވެލިނަގަން ގޮސް އެނބުރި ރަށަށް އައުމުން ކަމަށް ވެސް އިބްރާހިމް ދީދީ ވިދާޅުވި އެވެ.

"އެއަމަލް ހިންގި މީހާ އަތުލައިގެނެވުނީ ވެލި ނަގަން ގޮސް އައިތަނާ. ދެން އެމީހާ ފިލާފާނެތީ ފުލުހުން އެދިގެން ކައުންސިލްގައި ބޭންދީ ފުލުހުން އަންނަން ދެން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެކަން ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ މައްސަލަ ތަހްޤީޤް ކުރަމުން ދާތީ އިތުރު ތަފްސީލް ދެއްވެން ނެތް ކަމަށެވެ.