17 May 2010, 10:39
14:30
ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކުގެ ދަރުސްތަކެއް ބާއްވަން ސްޓޭޑިއަމް ދެވެން ނެތް ކަމަށް ޔޫތު މިނިސްޓްރީން ބުނި ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ފެތުރި ހަބަރުގެ ސަބަބުން، ވަރަށް ގިނަ ފަރާތްތަކުން ގުޅައި، މަރުގެ އިންޒާރު ދެމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަލްއުސްތާޒު ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ހަސަން ލަތީފު މިހެން ވިދާޅުވީ މި ދަރުސްތައް ބޭއްވުމަށް ޓާފް ދަނޑާ ޖެހިގެން އޮންނަ ދެ ދަނޑު މި މަހުގެ 25- 30 އަށް ދޫކުރާނެ ކަމަށް ޔޫތު މިނިސްޓްރީން ކުރިން ބުނެފައި، އެންމެ ފަހުވަގުތު އެކަން ކެންސަލްކުރީ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއްޔެ ބުނުމާ ގުޅިގެން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ، ދަނޑު ނުލިބޭނެކަން ޔޫތު މިނިސްޓްރީން އެންގީ އެ ކަމަށް ވަރަށް ބޮޑު ހަރަދެއް ވެސް ކުރިފަހުން ކަމަށެވެ.
އަހުމަދުﷲ އިތުރަށް ވިދާޅުވީ ވިހި ހާހެއްހާ މީހުން އަޑުހަން ދާނެ ކަމަށް ލަފާކޮށްފައިވާ އެދަރުސް ބޭއްވުމަށް ހަމަޖައްސާފައިވާ ދަނޑު ބަލައި، ކުރެހުންތައް ކުރަހާ ވެސް ހަދައިފައިވާ ކަމަށެވެ. އަދި ތިން ފަހަރެއްގެ މަތިން އެކަމާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީ ވެސް ހިމަނުއްވައިގެން މަޝްވަރާކޮށްފައިވާ ކަމަށް އަހުމަދުﷲ ވިދާޅުވި އެވެ.
ނަމަވެސް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ޑރ. ޒާކިރު ނައިކުގެ ދަރުސްތަކެއް ބޭއްވުމަށް ސްޓޭޑިއަމް ދޫކުރާނެ ކަމަށް އެއްވެސް އިރެއްގައި ސްޕޯޓްސް މިނިސްޓްރީން ބުނެފައިނުވާނެ ކަމަށެވެ.
ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ޒުވާނުން ކުޅިވަރު ކުޅޭނެ މާ ގިނަ ތަނެއް މާލޭގައި ނެތި، އެ ދެ ދަނޑު ހަފުތާއެއްހާ ދުވަހަށް ބްލޮކްކުރެވެން ނެތް ކަމަށެވެ. އަދި އެކަން، އިސްލާމިކް އެފެއާޒް މިނިސްޓްރީއާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަރަށް ސާފުކޮށް ދެންނެވުމުން، އެކަމާ އެ ބޭފުޅުން ވެސް އެކަން ގަބޫލްކުރެއްވި ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އަދި އޮޅުން ނާރާ ގޮތަކަށް މީޑިއާގައި އެކަން ހާމަކުރުމަށް އެއްބަސްވެވުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ޑރ. ޒާކިރު ނައިކުގެ ދަރުސްތައް ބޭއްވުމަށް އަލިމަސްއުފާ ކާނިވާ ސަރަހައްދު މިހާރު ހަމަޖެހިފައިވާ ކަމަށާއި، އާންމުންގެ ތެރޭގައި ނަފުރަތު އުފައްދަން އިސްލާމިކް މިނިސްޓްރީން އުޅެނީ ކީއްވެގެންކަން އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ހަސަން ލަތީފު އަދި ވިދާޅުވީ ޓީޓީ މުބާރާތެއް ބާއްވަން އިސްލާމީ މަރުކަޒު ހޯދަން ސްޕޯޓްސް މިނިސްޓްރީން މަސައްކަތްނުކުރާނެ ކަމަށާއި އެކަމާ މުޒާހަރާ ވެސް ނުކުރާނެ ކަމަށެވެ.
ސްޕޯޓްސް މިނިސްޓްރީން ދާދި ފަހުން ވަނީ ބޮނިއެމްގެ ލަވަކިއުންތެރިއަކު މާލެ ގެނެސް ދަރުބާރުގޭގައި މިއުޒިކް ޝޯއެއް އިންތިޒާމްކޮށްފަ އެވެ.