ރައްޔިތުންގެ ފަޅިއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަޅި ކަމަށާއި، ސަރުކާރާ އިދިކޮޅު މީހުންގެ ފަޅިއަކީ ރައްޔިތުންގެ ފަޅިއަކަށް ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިދުވަސްވަރު ބައެއް ބޭފުޅުން، "ތިމަންނަމެން މިތިބީ ރައްޔިތުންގެ ފަޅީގަ" އޭ ވިދާޅުވާ ކަމަށާއި ނަމަވެސް އެއީ ރައްޔިތުންގެ ފަޅިއަށް ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ދިވެއްސަކު ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ރައްޔިތުން އިންތިޚާބު ކުރި ވެރިކަމެއް އޮތް ގައުމެއްގައި އެ ވެރިކަން ނޫން އެހެން ފަޅިއެއް ރައްޔިތުންގެ ފަޅިއަށް ނުވާނެކަން ކަމަށެވެ.

"އެހެންވީމާ މި ދަންނަވަނީ އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ ފަޅީގަ އޭ. ރައްޔިތުންގެ ފަޅިއަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުންނަވާ ފަޅިއޭ. އެއީ ދިވެހި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަށް މިހާރު ހިނގަމުންދާ ފަސް އަހަރަށް ދިވެހިރައްޔިތުން ދައްކާފަހުރި ވެރިމީހާ. އެ ވެރިމީހާ ހުންނަވާ ފަޅި އެއީ ރައްޔިތުންގެ ފަޅިއަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެ މަގާމުން ދުރުކުރަން އުޅެނީ، މަސީހުގެ މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. އަދި އެކަން ކުރަން އުޅެނީ މަދު ވިޔަފާރިވެރިންތަކެއް ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި އެކަމުން ސަލާމަތްވެވޭނެ މަގެއް ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ރައީސް ޔާމީންގެ އެޖެންޑާ ފުރިހަމަކޮށް ކާމިޔާބުކަމާ އެކު އަވަހަށް ތަންފީޒު ކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއްދޭ މަޖިލީހެއް ކަމަށެވެ.

"މިހާރު އޮތް މަޖިލީހަކީ ރައީސް ޔާމީންގެ އެޖެންޑާ ފުރިހަމަކޮށް ކާމިޔާބު ކުރުމަށް އަވަހަށް ތަންފީޒު ކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއްދޭ މަޖިލީހަކަށް ވާތީ އެމަޖިލީހުގައި ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކެއް މިއަދު ކުރަމުން މިދަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވުމުން އިދިކޮޅު ފަރާތްތަކުން ކޯޓުތަކަށް ތައުރީފް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގައި އޮތް ޝަރުއީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ ތަނެއް ނޫން ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަަމަވެސް އިއްޔެގެ ހުކުމާ އެކު މަންޒަރު ބަދަލުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަކަށް ހުކުމެއް ކޮށްފި ނަމަ ފަނޑިޔާރުންނަކީ އިޚްލާސްތެރި ގާނޫނާ ގަވާއިދާ އެއްގޮތަށް ހުކުމް ކުރާ ބަޔަކަށް ވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބޭނުން ނުވާ ގޮތަކަށް ހުކުމެއް ކޮށްފި ނަމަ ފަނޑިޔާރުގެއަށް ވުރެ ކޮރަޕްޓް ތަނެއް އެބޭފުޅުންނަށް ނޯންނަ ކަމަށް އަދުރޭ ވިދާޅުވި އެވެ.