10 Jul 2017, 00:40
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ ވިމެންސް ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކުލަބް ތަފާތު ބޮޑުކޮށް އެމްއެންޔޫ މައްޗަށް ކުރި ހޯދިއިރު ދެވަނަ މެޗުން ފުލުހުންނާ ވާދަކޮށް އެމް ޕީއެލް މޮޅުވެއްޖެއެވެ.
މިރޭ ކުރިއަށް ދިޔަ އެ މުބާރަތުގެ ފުރަތަމަ މެޗުން ސިފައިން ކުރި ހޯދީ 25-0 ނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކްލަބުގެ ޖާޒީ ނަންބަރު 8 މަރިޔަމް ރިފާއެވެ.
އެމްޕީއެލްއިން ޕޮލިސް ކްލަބް ބަލިކުރީ 7-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ޖާޒީ ނަންބަރު 10 އައިމިނަތު ޝާމިލާއެވެ.
މުޅިން އަލަށް އެފްއޭއެމުން އިސްނަގައިގެން ކުރިއަށް ގެންދާ ފުޓްސަލް މުބާރަތުގައި ނުވަ ޓީމު ވަނީ ބައިވެރިވެފައެވެ.
ޖުލައި ނުވައަކުން ވިއްސަށް ކުރިއަށްދާ މުބާރަތުގައި ބައިވެރިވި ޓީމްތައް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އެކެއްގައި ފަސްޓީމެއް ވާދަކުރާނެއެވެ. ގްރޫޕް 2ގައި 4 ޓީމެއް ވާދަކުރާނެއެވެ.
ގްރޫޕް އެކަކަށް ބަލާއިރު އެ ގްރޫޕްގައި ހިމެނިފައި ވަނީ ވަރުގަދަ ޓީމު ތަކެކެވެ. މުޅި ރާއްޖޭގައި އެންމެ ފޯރިއާއެކު ކުރިއަށްދާ ކްލަބް މޯލްޑިވްސް ވިމެންސް ފުޓްސަލް ފިއެސްޓާގައި އެންމެ ކާމިޔާބު ތިން ކުލަބު ވަނީ ހިމެނިފައެވެ.
ކްލަބް މޯލްޑިވްސް ވިމެން ފުޓްސަލް ފިއެސްޓާގެ މި އަހަރުގެ ރަނަރަޕް ދިވެހި ސިފައިންގެ ކުލަބާ، އެ މުބާރަތުގައި އެންމެ ރަނަގަޅު ކުޅުމެއް ފެނިގެންދިޔަ އެމްޕީއެލް އަދި ޕޮލިސް ކުލަބް ގުރޫޕް 1ގައި ހިމެނޭއިރު މި ތިން ޓީމަކީވެސް އަންހެން ފުޓްސަލްގައި ވަރުގަދަ ތިން ޓީމެއްވެ. އެ ތިން ޓީމުގެ އިތުރުން ދެން އެ ގުރޫޕްގައި ހިމެނެނީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަދި އެމްއެންޔޫ އެސްސީއެވެ.
ގުރޫޕް ދޭއްގައި ހިމެނެނީ ޒެނިތް ސްޕޯޓްސް ކުލަބް، އިކުއަޓޯރިއަލް، ޓީރެކްސް ސްޕޯޓްސް އެކަޑަމީ އަދި އަވަ އެފްޓީއެވެ.
އެހެން މުބާރަތްތަކާ ހިލާފަށް އެފްއޭއެމުން އިންތިޒާމް ކުރާ ފުރަތަމަ އަންހެން ފުޓްސަލް މުބާރަތުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެ އެވެ. އަދި ބިދޭސީ އެއްވެސް ކުޅުންތެރިއަކަށް ވެސް އެ މުބާރާތުގައި ނުކުޅެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
އަންހެން ފުޓްސަލް ކުރިއަރުވަން، ފުޓްސަލް ކުޅޭ އަންހެނުންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އަންހެން ފުޓްސަލް މުބާރާތެއް ފަށާފައި ވާއިރު ފުޓްސަލް ކުޅޭ ފިރިހެނުންނަށް ހާއްސަކޮށްގެން މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.