މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ބަލިކަށި ކަމަކީ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ދިވެހީން ދެކެމުންް އައި އިދިކޮޅު ޕާޓީ އަކީ އެމްޑީޕީ ކަމަށާއި އެ ޕާޓީގެ ލީޑާޝިޕް ވަނީ ފެއިލްވެފައި ކަމަށެވެ.

"އެމްޑީޕީގެ ލީޑާޝިލް ފެއިލްވުމުގެ ނަތީޖާ އަކީ އަޅުގަނޑުމެންނާ އެކު ކޯލިޝަން ހައްދަވައިގެން ތިއްބެވި ބޭފުޅުން ވަޑައިގެން އެ ލީޑާޝިޕް ނެންގެވުން. މިއަދު އެބޭފުޅުންގެ ޖަލްސާ ބޭއްވޭ އިރު ޗެއާ އެކުރެއްވެނީ ރައީސް މައުމޫން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިއަދު އެމްޑީޕީގެ ލަވަޔަކަށް ވެފައި އޮތީ "ތިޔައީ ޒައީމޭ އަދު ލޮބުވެތިވި ގައުމު ފަޚުރުވެރިވާ" މިލަވަ ކަމަށާއި އެއީ ޕީޕީއެމް އިން ޖެހިލަވައެއް ކަމަށެވެ. އަދި އެއީ އެމްޑީޕީ އާއި އަދި އިދިކޮޅު ފަރާތްތައް ފެއިލްވެފައިވާ ކަމުގެ މަންޒަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީ ފެއިލްވެފައި އޮތުމަކީ މަލްޓި ޕާޓީ ޑިމޮކްރެސީއެއްގައި ވަރަށްބޮޑު ނިކަމެތި ކަމެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުނުކިޔާ ކަމަށާއި އޭގެ ބަދަލުގައި ކުރަނީ ތައުރީފް ކަމަށެވެ.

"އިހަކަަށް ދުވަހު ވެސް އަޅުގަނޑަށް ފެނުނު އޮޕޮޒިޝަންގެ ބޭފުޅަކު ކުރައްވާފައިވާ ޓުވީޓެއްގައި މި އޮންނަނީ ބުރިޖް ހުޅުވާނީ އެހެން ރައީސެކޭ. މީގެން ކޯއްޗެއްތޯ މި ދޭހަވަނީ. މި ދޭހަވަނީ ރައްޔިތުންނަށް މި ބުރިޖް ބޭނުންވެފައިވާ މިންވަރާއި މި ބުރިޖްގެ މަސައްކަތް ބާރު ސްޕީޑެއްގައި ހަލުވިކަމާ އެކު މި ސަރުކާރުން ކުރިއަށްގެންދަވާކަން. އެހެންވީމާ އެކަމަށް އެބަ ތައުރީފް ކުރައްވާ. ފަންސަވީސް ބުރީގެ އިމާރާތަށް ވެސް ތައުރީފް އެބަކުރައްވާ،" ނާޒިމް ވިދާޅުވި އެވެ.

ދިވެހި ރައްޔިތުން ފަސް އަހަރު ދުވަހަށް ވެރިކަށް ހަވާލުކުރި ބޭފުޅާ އެކު ސާބިތުކަމާ އެކު ތިބުމުގެ ފުރުސަތުދޭން ޖެހޭ ކަމަށާއި ފައިސާ އާއި އެހެނިގެން ގޮތްގޮތުން ސިޔާސީ ބޭފުޅުންގެ ފަހަތުން ހިނގައިގެން ނާތަހުޒީބު އަމަލުތައް ހިންގުން ޒިންމާދާރު އިދިކޮޅު ފަރާތެއް ނަމަ ހުއްޓާލަން އެބަޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލިސް ތެރެއިން ކުޅުއްވަނީ ޑްރާމާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއުޅެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާތު ނެތްކަމުގެ މައްސަލައެއް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން އުޅެނީ ސަރުކާރު ބަލިކަށި ކުރުވަން ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ އަކީ ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރަން އުޅޭ މަސައްކަތުގެ ފެށުން ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.