09 Jul 2017, 22:52
"މިއީ ކެންސަރަށް ވެދާނެތަ؟ " އަޒަލް ބަނޑުގައި ހުރި ކަޅުތިލައެއްގައި އިނގިލި ޖައްސާލުމަށްފަހު ކައިރިއަށް އައެވެ. އޭރު ވިޝާމްއިނީ މެސެޖެއްލިޔާށެވެ. އަޒަލް ކައިރިވުމުން އެ ލިޔާ އެއްޗެއް ނުދައްކަންވެގެން ތަންކޮޅެއް މައްޗަށް ފޯނު ހިއްލާލައިފިއެވެ.
"އައިމް އާސްކިން ޔޫ ސަމްތިން......." އަޒަލް ދެވަނަފަހަރަށް ބުނުމުން ވިޝާމް ފޯނުން ނަޒަރު ވަކިކޮށްލިއެވެ. އަޒަލް އެގޮތަށް ކުރިމަތީގައި ހުރިތަން ފެނިފާވެސް އެމޫނުގެ ޝުއޫރު ބަދަލެއްނުވިއެވެ. ވިޝާމް ވަރަށް ފަރުވާކުޑަގޮތަކަށް އަޒަލް ދެއްކި ތަންކޮޅަށް ބަލައިލާފާ ހަމައެކަނި " ނޯ' އަކުން ފުއްދާލުމާއިއެކު އަޒަލް ހީގަނެފައި ވިޝާމްގެ ފޯނު ދަމައިގަތެވެ. އަދި ދުރަށް ދުއްވައިގަންނަން އުޅުނަސް ވިޝާމް އެއަށްވުރެ މާ ހުޝިޔާރެވެ. ފަހަތުން އެއް ފިޔަވަޅު އެޅިގޮތަށް އޭނަގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ. އެ ގައިގޯޅިކަމުން އަޒަލްގެ ހަށިގަނޑަށް ދުވަހަކު ނުވާފަދަ ގޮތްގޮތްވީއިރު ވިޝާމްގެ ހުރިހާވެސް ސަމާލުކަމެއްވީ ފޯނަށެވެ. އަޒަލްގެ އަތުން ފޯނު އަތުލުން ވިޝާމްއަށް ބޮޑުކަމަކަށްނުވިއެވެ. އަޒަލްގެ އަތަށް ތަދުނުވިޔަސް ގަސްތުގައި ރޮއިގެންފާ ގޮސް އެނދަށް ވެއްޓިގަތީ ވިޝާމްގެ ހަމްދަރުދީ ލިބޭނެކަމަށެވެ. ވީ އެހެނެއްނޫނެވެ. ޚަބަރެއްނުވުމުން ބަލައިލިއިރު ވިޝާމް ފެންނާކަށް ނެތެވެ.
މެހެރީނާ ގޭގެ ފަހަތުބައިގެ ދޮރު ހުޅުވާލުމާއިއެކު ސިހޭގޮތްވިއެވެ. އުނދޯލީގައި ނިދާފައި އޮތީ ވިޝާމް ފިޔަވާ ދެވަނަމީހެއް ނޫނެވެ. ނިދާފައި އޮތްއިރުވެސް މޫނު ތާޒާކަމުގެ ދެވަނައެއްނެތެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ވިޝާމް އަޒަލް އެކަނިކޮށްލާފައި މިތާ ނިދަން އޮތީމަ މެހެރީނާގެ ހިތުގައި ޝައްކުތައް ހިނގައިގެންފިއެވެ. ވިޝާމްއާއި އަޒަލްގެ ކައިވެނިކުރެވުނުތާ އަދި މާ ދުވަހެއްނުވެއެވެ. ވީއިރު މިހާ އަވަހަށް މައްސަލަޖެހޭނީ ކޮންމެވެސް އަންހެނެއްގެ ކަންތައްގަނޑެއްގައެވެ. ފިރިހެނުންނަކީ ފާޑެއްގެ ބަޔެކެވެ. މެހެރީނާ ކައިރިއަށް ޖެހިލާފައި ނިކަން ކައިރިން ވިޝާމްގެ މޫނަށް ބަލާލައިފިއެވެ.
"މީނަ ހާދަ ރީއްޗޭ. ހަމަ ފާގިޔާއާއި ތަފާތެއްނެތް. އެ އެސްފިޔަތައް. އެދިގު އެސްފިޔަތައް. ހާދަ ޖޭވިއޭ. އަރީން އޭނަ ރީތިވެގެން އުޅުނު ހަދާން އަދިވެސް ހިތުން ނުފިލާ. އަހަރެމެން ކަހަލަ ޕްރިންސެސްއިން ތިއްބާ އެންމެން އުޅުނީ އެނޯކަރާއި ހިތާވެގެން. ފާގިޔާދެކެ އެހާ ރުޅިއަންނަން ޖެހުނު ސަބަބަކީ ޖެލަސީ. އެ އަންހެނާގެ ދަރިއަކު މިހާރު މިގެއަށް ގަދަކޮށްލީ. ފާގިޔާގެ ފަރާތުން ބަދަލުހިފަން ކަމަށްވާނީ. ވިޝާމްއުޅޭލެއް ސިއްރުވެރިކަމުން އެނޫން އެހެން ކަމެއް ނޯންނާނެކަން އަހަންނަށް މިހާރު ގައިމު...." މެހެރީނާ އަވަސްވެގަތީ ނާޒްމީގެ ޚިޔާލު ހޯދާށެވެ. ވިޝާމް އެރޭ ނިދަން އުނދޯލީގައި އޮތްކަން އެނގުމުން އަޒަލް އެކަމާއި ދެރަވިޔަސް އެކަމެއް ނާންގައެވެ. އެއީވެސް ވިޝާމް އޭނައާއި ދުރުން އުޅެން ބޭނުންވާ މިންވަރެވެ.
އާޒީންއާއި އަޒަލް ޓެނިސްކުޅެން ދުވެ ދުވެފާ އުޅުނުއިރު މެހެރީނާއާއި އެކުވެރިންކަމަށްވާ ސަބީނާ ވަރުޖިނާ މާލިއާ އަދި ރައުދާވެސް ޕޫލްކައިރީގައި ގްރީން ޓީ ބޯން ތިބިއިރު ވަރަށް ފޯރިއާއިއެކު ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. މިފަހަކަށް އައިސް އެކުވެރިންނަށް ގިނަގިނައިން ދައުވަތުދީގެން ގެނައުމުގެ އާދަ މެހެރީނާގެ ގައިގާ ހަރުލާފައިވެއެވެ. އެތާ އިނދެލާފައިވެސް މެހެރީނާ ހައިކަލްއަށް ގުޅާފައި ޚަބަރު ބަލައިލައެވެ. ފޮޓޯ ފޮނުވަން އެދުނެވެ. ހައިކަލް ބޮލަށް އުދަގޫވާހާ ގިނައިން މެހެރީނާ ގުޅަނީ ހަމައެކަނި ސަލްވާއަށް އުދަގޫކުރާށެވެ. ހަމަޖެހިގެން ހަނީމޫން ހެދިޔަނުދިނުމަށެވެ. ނިދާގަޑީގައި އަދި ވަކިން ގުޅަން މެހެރީނާ ފޯރިހުރެއެވެ. ފޯނު ބާއްވާފައި އައުމަށްފަހު މެހެރީނާގެ ހިތުގައިވާ ހަސަދައިގެ އަލިފާން ވަކިން ގަދަވިއެވެ.
"ދޮންބެ ބުނީ ބޮންފަޔާ ހަދައިގެން ސްމޯސްކަނީ ޔޯ..ހަދާންވީ އަހަރެމެން އެމެރިކާގައި ދިރިއުޅުނުއިރު ކުރި ކަންތައްތައް. ދޮންބެ މާޒީ ހަދާންކުރަނީ އެ ނާސިއާއިއެކީ. އެމީހާގެ ހުރީ ކޮންކަމެއް......." މެހެރީނާ މޫނުމައްޗަށް ވެރިކޮށްލީ ފޫހިވެފައިވާކަމުގެ އަސަރުތަކެވެ. ރައުދާވެސް ފުން ނޭވައެއް ދޫކޮށްލައިފިއެވެ.
"އެ އަންހެނާ މިގެއިން ފޮނުވާލަންވެގެން ވަރުގަދަ ޕްލޭނެއްކުރަން އެބަޖެހޭ....." މެހެރީނާ އެހެން ބުނުމުން މާލިއާ ހައިރާންވެފައި ހައިކަލްގެ އަންހެނުންދެކެ ރުޅިއަންނަ ސަބަބަކާއިމެދު ސުވާލުކޮށްލިއެވެ.
"ޔޫ އާ އޯލް މައި ކްލޯޒް ފްރެންޑްސް. ސިކްރެޓްވެސް ހިފަހައްޓަން އެނގޭނެ. އައި ޓްރަސްޓް ޔޫ އެލޮޓް. މިހުރިހާ ދުވަހު ސިއްރުކޮށްގެން ހުރި ވާހަކައެއް ބުނެފާނަން. ދޮންބެ ބައްޕައާއި މަންމަ ގާތު އެވާހަކަ ދެއްކިއިރު ފިލާހުރެގެން އަޑުއެހީ. މި ސިއްރު ހާމަކުރަން މިޖެހުނީވެސް އެމްބެރޭސްވާލެއް ބޮޑުކަމުން. ދޮންބެ ކަހަލަ ހެންޑްސަމް ވަރުގަދަ ޝަޚުސިއްޔަތަކާއި އެކަހަލަ ރަށްފުށު ނާތަހުޒީބު މަންޖެއެއް ނުގުޅޭކަން މިއޮތް ބޮޑު ކައުނުވެސް ހެކިވާނެ. ލަދުން މަރުވާވަރުވޭ. އެނގޭތަ. ދޮންބެގެ ކައިވެންޏަކީ ދަޅައެއް. އަސްލެއްނޫން. އަހަންނަށްވެސް ނުހޯދިގެން އުޅެނީ ދޮންބެ އެކައިވެނިކުރަން މަޖުބޫރުވި ސަބަބު. ބްލެކްމެއިލްކޮށްގެން އެ ސަލްވާއަކު ދޮންބެއާއި އިނީ......." މެހެރީނާގެ ވާހަކަ އަޑުއަހަން ތިބެފާ އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ހައިރާންވެފައެވެ. ހަގީގަތަކީ ހައިކަލްގެ ހަޔާތުގެ ބައިވެރިޔަކަށް ހޮވި އަންހެންކުއްޖާއާއި އެކަކުވެސް އެހާ ގަޔާނުވާކަމެވެ. އެއޮތް ބޮޑު ޚާންދާނުގެ ހިތްތަކުގައި ސަލްވާއަށްޓަކާ އޮތީ ނުރުހުމާއި ފޫއްސެވެ. ޖާގައެއްނެތެވެ. ހުރިހާވެސް ސަބަބަކީ މެހެރީނާ ހިތްތައް ކިލަބުކޮށް ސަލްވާއާއި ދެކޮޅަށް އަނބުރާލާފައިވާކަމެވެ. މެހެރީނާ އެވަގުތުވެސް ވައުދުވީ ސަލްވާ މިގެއިން ނެރެލާފައި ނޫނީ އޭނަ ހަމަޖެހިގެން ނޭވާއެއްވެސް ނުލާނެކަމުގައެވެ.
މާއިޒްގެ ކޮޓަރިން އަންހެންކުއްޖަކު ނުކުމެގެން ދިޔަތަން ފެނުނީ އާޒީން ޓެނިސް ކުޅެ ނިންމާލާފައި ކޮޓަރިއަށް ވަންނަންދިޔަ ވަގުތުގައެވެ. އާޒީންގެ މެޔަށް ނުބައިގޮތެއްވިއެވެ. އެދިޔަ ބާރުމިނުގައި އެ އަންހެންކުއްޖާގެ މޫނުމަތީގައި އެތިފަހަރެއް އަޅާލަން ހިތަށް އެރިއެވެ. އަމިއްލަ ނަފުސް ކޮންޓްރޯލް ކުރެވުނީ ހަމަ ކިރިޔާއެވެ. ނުވެސް ދަންނަ މީހެއްގެ ގަޔަށް އެހެން އަތްލާކަށް ނުޖެހޭނެއެވެ. ނަމަވެސް އޭނައަށް މާއިޒްއާއި ކުރިމަތިލެވިދާނެއެވެ. ސުވާލުކުރެވޭނެއެވެ. އޭނަ ލޯބިވާކަން އެނގިހުރެ އޭނައަށް ދައްކަން މިގެއަށް އަންހެނުން ވެއްދުމުގެ ހައްގެއް މާއިޒްއަކަށް ނެތެވެ. މާއިޒްގެ ގެއެއްވެސް ނޫނެވެ. ކޮޓަރިއަށްވަދެ ފެންވަރާ ނިމުނުއިރުވެސް އާޒީންގެ ރުޅި ފިނިވާގޮތެއްނުވިއެވެ. ބާރު ބާރަށް ހިނގާފައިގޮސް މާއިޒްގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު މާއިޒް ފާޚާނާއިން ނުކުމެގެން އައީއެވެ. އެކަނި ތުވާލި އެނދެލައިގެން ހުރިއިރު އެ ކަސްރަތީ ހަށިގަނޑުގައި ފެންތިކިތައް ހަރުލާފައިވެއެވެ.
"އަހަންނަށް ދައްކަންތަ ފާޑު ފާޑު އަންހެނުން މިގެއަށް ވައްދަނީ؟ މިފަހަރު ބައްޕަ ދުރުވީމަ ހުރިހާ ވާހަކައެއް ނަންގަންނާނަން. ހެޔޮ މިގެއަށް ގިޔާމަތްވިޔަސް. ބުނާނަން ލޯބިވަނީ މާއިޒްދެކެ އޭ. އެހެންމީހަކާއި ރައްޓެހިވެގެން އުޅޭކަށް ލާހިކެއްނޫން. އެހެންމީހަކާއި ރައްޓެހިވިއްޔާ އަހަންނަށް މަޖުބޫރުވާނެ މުޅިދުނިޔެއަށް މިކަން އަންގަން......." އާޒީންގެ އިންޒާރުން މާއިޒްވެސް ހުރީ ކިޔާނެ އެއްޗެއް ނޭގިފައެވެ. މާއިޒް ފަރުވާކުޑަގޮތަކަށް ބަލައިލިއެވެ.
"އައި ޑޯންޓް ކެއަރ. އަނގަ އޮތީމަ އެއްޗެކޭ ކިޔާ.." މާއިޒް ވާހަކަދައްކަނީ ފޫހިވެފައިވާ ގޮތަކަށެވެ.
"ހިތަށް އެއްޗެއްނާރާތަ ހަރާމް ކަންތައް ކުރާއިރު؟ " އާޒީންހުރީ ރުޅިއައިސްގެން ދަތްކުނޑި ވިކިފައެވެ. ކެތްތެރިކަން ކޮޅުން ލައިގެން ދަނީއެވެ.
"އާޒީންއަށް ކޮންކަމެއް ފެނުނީ؟ ހަރާމްކަމެކޭ ތިބުނީ ކޮންކަމަކަށް؟ "މާއިޒް ފާޑަކަށް ލޯ ހަނިކޮށްލިއެވެ.
"އަހަންނަށް އެނގޭ ފެންވެރީ ކީއްވެކަން..." އާޒީންގެ ލޮލަށް ކަރުނަވެސް އައެވެ. ހިތްފަޅައިގެންދާވަރުވެއެވެ. އެ އަންހެންކުއްޖާއަށްވުރެ އޭނަގެ މަދީ ކޮން ސިފައެއްހެއްޔެވެ؟
"އެވަރު އެނގޭނެ ކުޑަކުއްޖަކަށްވެސް...." މާއިޒް ކަޅާއި ގަދަފެހިކުލައިގެ ޓީޝާޓަކާއި ޖިންސެއްނެގިއެވެ. އެފަރުވާކުޑަކަމާއި އަޅާލުމެއްނެތްކަން އެނގި އާޒީންގެ ހިތް ވީދިއްޖެއެވެ. މާއިޒް ކުޑަކޮށްވެސް އޭނަދެކެ ލޯތްބެއްނުވެއެވެ. ނޫންނަމަ އޭނައާއި މާއިޒްއަށް ސިއްރުން ރައްޓެހިވެގެން އުޅެވިދާނެއެވެ. މަޖުބޫރުވެފައިވާ އެހެން ލޯބިވެރިން ފަދައިންނެވެ.
"މަރުވާނެކަމެއްވެސް ހިތަކަށް ނާރާ."
"ރިލެކްސް . އާޒީންނޫން ނަރަކައަށް ދާނީ. އަހަރެން. އެހެންނޫނަސް އިޓްސް ނޮން އޮފް ޔޯ ބިޒިނަސް. އަހަރެންގެ ޕާސަނަލް ކަންތައްތަކާއި ނުބެހި އުޅުނިއްޔާ ރަގަޅީ......"
"އައި ހޭޓް ޔޫ މާއިޒް. އެންޑް ޔޫ ނޯ ވަޓް...ތިއީ ކާކުގެ ދަރިއެއްކަމެއްވެސް އެނގެނީއެއްނޫން. ބައްޕަ އެހާވަރުން ބޮޑުކުރީމަ އޭގެ ބަދަލު ދޭން އެނގުނީ ތިހެން. ބައްޕައަށް ހަގީގަތް އެނގޭއިރަށް މިގެއިން ނެރެލާނެ. ޝޭމް އޮން ޔޫ...." އާޒީން އެހުރިހާ އެއްޗެއް ކިޔާލުމާއިއެކު މާއިޒް އެއްވެސް އެއްޗެކޭ ނުބުނެ ނުކުމެގެން ދާންފެށުމުން އާޒީންގެ ހޭބުއްދިވެސް ފިލާ ދިޔައެވެ. މާއިޒްގެ ކްލޯޒެޓްގައިވި ހުރިހާ އަންނައުނެއް ދަމައިގަނެގެން ދޫލަމައްޗަށް ހޫރާލިއެވެ. ރީތިވާ މޭޒުމަތީގައި ހުރި ހުރިހާ އެއްޗެއްވެސް އެކި ދިމާލަށް ބުރައިގެން ހިނގައްޖެއެވެ. އެނދުގައިވާ ކުއިލްޓްތަކާއި ކުޝަންތައްވެސް ހުރީ އެތަން މިތަނަށް އުކާލެވިފައެވެ. ބޮލުގައި ލާ ކްރީމްއިން ޑްރެސިން ޓޭބަލްގެ ލޯ ގަނޑުގައިވެސް އެއްޗެހިތަކެއް ލިޔުނެވެ.
މާއިޒްގެ ހުރިހާ އެއްޗެއް ޚަރާބުކޮށް ނިންމާލާފައި ހަމަޖެހިލިއިރު އެތަނަށް ޓޯނޭޑޯއެއް ހަމަލާދީފައިވުމެކޭ ތަފާތެއްނެތެވެ. އާޒީން ކޮޓަރިން ނުކުމެފައި ހިތަށް ތަދުވިއެވެ. ސަލްވާގެ ވާހަކަތައް ހަނދާންވެ އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް ޝައިތާނާ ހަމަ ބަލިކަށިކަމުގެ ނާޖާއިޒްފައިދާ ނަގައިފިއެވެ. ޝައިތާނާ މީހުންގެ ވިސްނުމާއި ކުޅެލަނީ އެމީހާ ބަލިކަށިވާހިދުއޭ އެބުނަނީ ހަމަ ތެދެކެވެ. ރުޅިގަދަވުންފަދަ ވަރުގަދަ ޖަޒުބާތެއްގައި ބަދެވޭވަގުތު މިކަހަލަ ގޯހެއް ހައްދުވާނެއެވެ. ކޮޓަރިއަށް ގޮސް ހަމަ ރޮވުނީއެވެ. މާއިޒްއާއި ދިމާލަށް އެބުނެވުނީވެސް ހިތުގައި ޖެހޭނެފަދަ ވަރުގަދަ ބަސްކޮޅެކެވެ. އޭނަ ނުބައި ބައިކުޅޭ މީހަކާއި ތަފާތެއް ނެތެވެ. ލޯތްބަކީވެސް ދެން ގަދަކަމުން ހޯދަންވާ އެއްޗެއްނޫންކަން އޭނައަށްވެސް އެނގެއެވެ. ރޮއިރޮއި އިނދެ އޭނަ އެތައްފަހަރު މާއިޒްއަށް ގުޅިއެވެ. މާއިޒް ފޯނުނަގާކަށް ނޫޅުނެވެ. އެންމެފަހުން ރޮމުން ރޮމުންގޮސް ވަރުބަލިވެގެން ދެލޯ މެރިއްޖެއެވެ. އާޒީން ބާލީހުގައި މޫނު ޖައްސައިގެން އެހެން އޮތީއެވެ.
އަޒަލްއަށް އޭނަގެ ނަސީބުގައި ލިޔުއްވާފައިވަނީ ކޮންފަދަ އިމްތިހާނުތަކެއް ކަމެއް ނޭގެއެވެ. އުމުރުން އަށާރަ އަހަރުވީ ހިތާމައިގެ ހިޔަނި ނޭޅިއެވެ. ގަނޑުވަރެއްފަދަ ތަނަކަށް އުފަންވެ ދުނިޔޭގެ ހުރިހާ އުފާތަކާއި ނިއުމަތް ލިބި އުފަލާއި އަރާމުގައި އުޅުނުއިރު ހިތާމައަކީ ކޯނޗެއްކަމެއް އެހާވަރަށް އެނގިފައެއްނެތެވެ. ބައެއްކުދިން އުފަންވާތަނުން ފެށިގެން އިމްތިހާނުތަކާއި ކުރިމަތިވާހިނދު އަޒަލްއަށް އަދި ކިރިޔާ ފެށުނީއެވެ. އޭނައަށް އަދިވެސް ނޭގެނީ އޭނަގެ ހަޔާތުގެ ބައިވެރިޔާ ވިޝާމް އެގެއަށް އައި މަގުސަދެވެ. އޭނައާއި ސަލްވާގެ ދިރިއުޅުން ގުޅިލާމެހިފައިވާ ވަރެވެ. ސަލްވާވެސް ފިރިމީހާއާއި ލޯބިވެރިޔާއާއި ދޭތެރޭގައި ތާށިވެފައިވާއިރު އަޒަލްވެސް އެ ތިނެސްކަން ލޯބީގައި ނޭގިވެސް ގުޅިއްޖެކަމެވެ. ވިޝާމްގެ ހިތުގެ ރާނީއަކީ ދޮންމަންމަކަން ނޭގިހުރެ އަޒަލްގެ ހިތް ވިޝާމްއާއި ދިމާލަށް ލެނބެންފެށީ އޭނަގެ އިޚުތިޔާރުގައެއް ނޫނެވެ. ވިޝާމް ކުރިން ތަންކޮޅެއް އަޅާލާހެދިނަމަވެސް މިހާރު އަޒަލްއަށްވެސް ފާހަގަވަނީ ވިޝާމް އޭނަގެ ހަޔާތަށް އައީ އެހެން ބޭނުމެއްގައި ކަމެވެ.
އަޒަލް ހޫނުވެފައިވާ ވަރުން ޖޫހެއް ބޯލަންވެގެން ކާކޮޓަރިއަށް ދިޔައިރު ވިޝާމްވެސް ކޮފީއެއް ތައްޔާރުކުރަން މެޝިން ކައިރީގައި ހުއްޓެވެ. ސޯޓަކާއި ޓީޝާޓެއްގައެވެ. ބާރު ޓީޝާޓެއްކަމުން އަތަށް ހިފާލާފައިވާގޮތުން ފިރިހެންވަންތަކަމުގެ ދެވަނައެއްނެތެވެ. ވިޝާމް އަނެއް އަތުން ފޯނުގައި ހުރެ ދެއްކި ވާހަކައިން އަޒަލްއަށް ކޮންމެވެސް އެއްޗެއް ވިސްނުނެވެ. ވިޝާމް ދެއްކީ އޭނަ ނަގާފައި އޮތް ލޯނެއް ނުދެއްކިގެން އެވާހަކައެވެ. ފޯނު ބޭއްވުމުން އަޒަލް ސުވާލުކުރުމުން އެވާހަކައަށް ޖަވާބު ދޭކަށްވެސް ނޫޅުނެވެ. އަޒަލް ބުނީ ވިޝާމްގެ ލޯނެއް އޮތިއްޔާ ބައްޕަ ދައްކާދީފާނެކަމުގައެވެ.
"ހާދަ ޓޭންވެ ދާހިއްލާލާފައި ތިހިރީ؟ " ވިޝާމް ކުރީ އެހެން ސުވާލެކެވެ.
"ތޭންކް ގޯޑް ޔޫ ނޯޓިސްޑް.. އާޒްއާއިއެކީ ޓެނިސް ކުޅުނީ......." އަޒަލް ޖޫސް ފުޅި ހިފައިގެން އައިސް ގޮނޑިއެއް ދަމާލައިގެން އިށީނެވެ. އޭނަ މިހުންނަނީ ވިޝާމް އޭނައާއި އިނީ ކޮން މަގުސަދެއްގައި ކަން ހަދާންކޮށްދޭންވެސް ބޭނުންވެފައެވެ. އަޒަލް ދެން ވިޝާމް ހިތށް އެރިގޮތަކަށް އުޅެވުނަކަ ނުދޭނެއެވެ. ހިޔަންޏެއްހެން ފަހަތުގައި އުޅޭނީއެވެ. ކުޑަކޮށް ބޮލުގައި ރިއްސާލާ ކަހަލަ ގޮތެއްވުމުން އަޒަލް އޭނަގެ ބަލީގެ މަތިން ހަދާންވިއެވެ. ވިޝާމް ހީލިއެވެ.
"ވިޝާމް...." އަޒަލް ގޮވައިލިއެވެ.
"ހޫމް....." ވިޝާމް އޭރުވެސް އިނީ ފޯނާއި ކުޅެކުޅެއެވެ. އެއީ ލޯބިނުވާ މީހުންގެ އާދައެކެވެ. ބައިވެރިޔާއަށްވުރެ ފޯނަށް ސަމާލުކަން ދޭނެއެވެ. އަޒަލްއަކީ މުހިއްމު މީހަކަށް ނުވަންޏާ ސަމާލުކަމެއް ނުދޭނެތާއެވެ. އެހެން ހިތަށް އަރާފައި އަޒަލް ދެރަވިއެވެ. ވިޝާމް އެހެން މީހަކު ދެކެ ލޯބިވަނީބާވައެވެ. އެއީ ކޮންފަދަ ނަސީބުވެރިއެއްހެއްޔެވެ؟
"ބައްޕަ އެމެރިކާއަށް ދުރުވީ ފްރެންޑެއްގެ ދަރިފުޅު ޓިއުމަރެއް ހުރެގެން ސާޖަރީ ހަދަން. ބެނައިން ޓިއުމަރެއްވީމަ ދެން އެ ބޯއި ވަރަށް ލަކީ. އެ ސާޖަރީ ކާމިޔާބުކަމަށްވަނީ. ސަޕޯސް އިފް އައި ހޭވް ސަމްތިން ލައިކް ދެޓް ބައްޕަ ސާޖަރީ ހަދާނެތަ؟ " އަޒަލް ސުވާލުކޮށްލިއެވެ.
"ޑޯންޓްވޮރީ. އަހަރެން މިހިރީނު ސާޖަރީ ހަދަން..." ވިޝާމް ފަޅި ސިކުންތުކޮޅަކަށް ފޯނުން ނަޒަރު ވަކިކޮށްލިއެވެ. އެކަމަކު އެލޯ އަޒަލްގެ މޫނަށް ހުއްޓާލާކަށް ނޫޅުނެވެ.
"ވިޝާމްއަކަށް ނުވާނެ. ޔޫ އާ ޖަސްޓް އެ މެޑިކަލް އޮފިސަރ...." އަޒަލް އަނގަޔަށް ގޮތެއް ހަދައިލިއެވެ.
"ހާދަ ދަށް ކޮށްލީ....." ވިޝާމް ބުމަ އަރުވައިލިއެވެ.
"އެއީ ހަގީގަތް. ދެން އަހަރެން ޚުޝާމަދުކޮށްފައި ބުނަންވީތަ ވިޝާމްއަކީ ނިއުރޯ ސާޖަންއެކޭ..." އަޒަލް ގަދަކަމުން ހިނިގަނޑެއް ޖަހާލިއެވެ.
"އަހަރެންގެ އޭޖްއާއިމެދު ވިސްނާލާ. ޖަސްޓް ޓްވެންޓީ ފޯ. ޑޮކްޓަރ ހައިކަލްގެ ދަރިފުޅު މާއިޒްއާއި އެއް އުމުރެއް. ސޯ އަޒަލްގެ ބައްޕަގެއުމުރަށް ދާއިރު އަހަރެންވެސް ހުންނާނީ ނިއުރޯ ސާޖަންއެއްގެ ގޮތުގައި ނޫނީ އެއަށްވުރެ ކުޅަދާނަވާނެ. އައިލް ބީޓް ހިމް........އިން އެވްރީތިންގް. ޑޯންޓް ވޮރީ..." ވިޝާމް މާނަވީ ހިނިތުންވުމަކާއިއެކު ބުނުމުން އަޒަލް ހީގަނެފާ ބުނީ އެކަމެއް ވުމަށްވުރެ ނުވުން ގާތްކަމުގައެވެ. ސަބަބަކީ ވިޝާމް ވާހަކަދައްކާއިރު އިރާދައާއި ނުލާ ވާހަކަދައްކާތީ ކަމަށާއި ސަލްވާގެ ފަރާތުން އޭނައަށް އެވަރު ދަސްވެފައިވާކަމުގައި ބުނުމުން ވިޝާމްގެ މޫނުގެ ކުލަ ބަދަލުވިއެވެ. ކޮފީތަށި ބޯކަށްވެސް ދެން ނޫޅުނެވެ. ވިޝާމް އެބައަންނަމޭ ކިޔާފައި ތެދުވެގެން ދިޔުމުން އަޒަލްއިނީ މޮޅިވެރިވެފައެވެ. އޭނައަށް އެނގެނީ ވިޝާމް އޭނައާއި އެއްވެސް ވަރަކަށް އަޅާނުލާކަމެވެ. އެންމެ ކުޑަވެގެން އޭނަގެ މޫނަށް ބެލުންވެސް ވިޝާމްއަށް އުދަގޫކަމަކަށް ވެފައިވެއެވެ. އަންހެންކުއްޖެއްގެ ހިތަށް ކިހާ އުދަގޫވާނެހެއްޔެވެ؟ އެހެންނޫނަސް ފިރިމީހާގެ މަގާމުގައި ހުރިއިރުވެސް އެފަރާތުގެ އެއްވެސް ސަމާލުކަމެއް ނުލިބޭނީ އޭނަގެ އެއްވެސް ކަމެއްނެތީމަ ނޫންހެއްޔެވެ؟ އޭނަގެ ސިފަވެސް ވިޝާމްއަށް ރީތި ނޫނީބާވައެވެ. އެހެންމީހުން އެހާވަރުން ރީއްޗޭ ކިޔަސް އެކަން ގަބޫލުކުރާކަށްވެސް މިހާރު ފަސޭހައެއްނުވިއެވެ.
އަޒަލް ހުންނަނީ ބިރުގެންފައެވެ. އެކަނިވެރިވެފައެވެ. އޭނަގެ ބައްޔާއި ބެހޭގޮތުން ވާހަކަދައްކާނެ މީހަކު ނުވެފައެވެ. އާޒީންއާއި ވާހަކަދައްކަން އެކޮޓަރިއަށް ދާން އުޅުމުން އާޒީން ބުނީ ނިދަނީކަމުގައެވެ. އަޒަލް ގޭތެރޭގައި ގިނަވެގެން އުޅެފައި އެންމެފަހުން ޖިމަށްވަދެ ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. އެކަނިމާއެކަނި ބިލިއާޑް ކުޅެންވެސް އުޅުނެވެ. ނަމާދުކުރުމަށްފަހު ގުރުއާން ކިޔެވުމުން ސްޓްރެސް ފިލާ ހިތަށް ހަމަޖެހުމެއްލިބުނެވެ. އޭނަ ސަލްވާއާއި ވާހަކަދެއްކިއެވެ. ސަލްވާ ބުނީ ވަރަށް މަޖާކަމުގައެވެ. ސްނޯ މޮބައިލް ދުއްވުމާއި ސްކޭޓްކުރުމުގައި މިއަދު އުޅުނުކަމުގައެވެ. ސަލްވާގެ އަޑުންވެސް އޭނަ ހުރީ އެކްސައިޓްވެފައިކަން އަޒަލްއަށް އެނގުނެވެ. ބައްޕައާއި ސަލްވާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ދެއްވުމަށް އެދި ދުއާކުރެވުނެވެ.
ހަވީރު ސައިބޮއިގެން ކޮޓަރިއަށް ވަންއިރު ވިޝާމް އޮތީ އެނދުގައެވެ. ދެފައި ބިންމަތީގައި ޖައްސާލައިގެން ހުރަހަށް ކަހަލަ ގޮތަކަށް އޮށޯވެލައިގެންނެވެ. ޓީޝާޓު ކުޑަކޮށް ހިއްލި ބަނޑު ހާމަވެފައި ހުއްޓެވެ. އަޒަލް ހުރީ ޓީޝާޓަކާއިއެކު ސްކިނީއެއްލައިގެން ކަމުން ސްކިނީ އޮޅާލާކަށް ފަސޭހައެއްނުވިއެވެ. އެހެންވެ ސްކިނީ ބާލާފައި ކުރު ޑެނިމް ސޯޓެއްލުމުން އެދޮންފައި ހުރީ ހާމަޔަށެވެ. މީހުންގެ ލޯތައް ހުއްޓޭފަދަ ރީތި ބައްޓަމަކަށްވާ ފަޔެކެވެ. ޑްރެސިންޓޭބަލްގެ ވައްގަނޑުން ބޭސްއުރައެއް ނަގައިގެން އައިގޮތަށް އެނދަށް ވެއްޓިގަތެވެ. ގަސްތުގައި ފައި ބޭއްވީ ވިޝާމްގެ ބަނޑުމަތީގައެވެ.
"ޑޮކްޓަރ.......މި ބޭސްލާފައި ފައި މަސާޖްކޮށްލަދެވިދާނެތަ؟ " އަޒަލް އަހައިލިއެވެ. ބަނޑުގައި ފައި ހުރަހަކާއި ނުލައި ބީހުމުން ކަރަންޓުރާޅު ބާނިތަކެއް މެދުކެނޑުމެއްނެތި ދަތުރުކުރަމުން ދިޔައީ ތަފާތު ގޮތަކަށެވެ. ހިތް އަވަސްވެލައިފިއެވެ.
"ސޮރީ އަހަންނަކީ ފިޒިއޯތެރަޕިސްޓެއް ނޫން...." ވިޝާމް އޭރުވެސް އޮތީ ފޯނުގައެވެ.
"އަބަދު ފޯނުގައި ދޯ އޮވެވެނީ؟ " އަޒަލް ދެރަވިވަރުންގޮސް ހުރިހާ އިހުސާސްތަކެއްވެސް ފިލާ ދިޔައެވެ. ވަގުތުން ލޮލަށް ފެން އައެވެ.
"ހޫމް. ކްލޭޝް އޮފް ކްލޭންސް ކުޅެނީ. ވާހަކަ ދައްކަންޏާ އައި ވިލް ލޫޒް..." ވިޝާމް ބޮލަށް އުދަގޫވެފައި އޮތްކަން އަޒަލްއަށް އެނގުނެވެ. އަޒަލް މޫނުގައި ކުޝަން އެޅިގޮތަށް ހިމޭނުން އޮތީ އޭނައަށްވެސް ނާކާމިޔާބުވެއްޖެކަމަށް ގަބޫލުކޮށްފައެވެ. އިރުކޮޅެއްފަހުން ވިޝާމް އެކުރަން އޮތް ކަމެއް ހުއްޓާލައިފިއެވެ. އަދި އިށީންގޮތަށް އަޒަލްގެ ދެފައި އުނގުން ނެގިއެވެ.
"ޑަން....ދެން ބުނެބަލަ. ކީއްކޮށްދޭންވީއޭ......" ވިޝާމް އަހާލިއެވެ. އަޒަލް ޖަވާބެއްނުދިނަސް ވިޝާމް ދެރައެއްނުވާނެއެވެ. އޭނައަށް ފަސޭހަވާނީވެސް އަޒަލް ވާހަކަ ނުދެއްކިޔާ ނޫންހެއްޔެވެ؟
"ރޮނީތަ އަހަރެން އެހެންބުނީމަ. އަޒަލް ތީ ކްރައިބޭބީއެއް ކަން ނުދަންނަން..." ވިޝާމް އެނދުމަތީގައި އޮތް ބޭސް އުރައިން އެތިކޮޅެއް އަތަށް ފިތާލިއެވެ. އަޒަލްގެ ފައިގާ ބޭސް ލާދޭން އަތް ޖައްސާލާއިރަށް ހީލިކަރުވައިގަތެވެ. އަޒަލް ފައި ދަމައިގަންނަން އުޅުމުން ވިޝާމް ހިފެހެއްޓިއެވެ.
"ތީ ދެން ކޮންކަމެއް. ބޭސްލާ ނުދީގެން އުޅެއުޅެފަ. ލެޓް މީ ގިވް ޔޫ އެ މަސާޖު......" ވިޝާމް ފައިން ދޫކޮށްނުލާ މަސާޖުކުރުމުގައި ކުރިއަށް ދިޔައިރު އަޒަލްގެ ކަނދުރާގައިވާ ލޯލިތައް ހުރީ ކޮޅަށެވެ. އެއިނގިލިތައް ހިންގާލާއިރު އެވީ އަރާމާއިއެކު އެހެން ކިތަންމެ އިހުސާސްތަކެއް ހަށިގަނޑުގައި ހިނގާލިއެވެ. އަޒަލްއަށްވެސް ބީރައްޓެހި އިހުސާސްތަކެވެ. އަރާމުވީލެއް ބޮޑުކަމުން ދެލޯ މެރޭގޮތްވިއެވެ. އަޒަލްގެ ހުރިހާ ހިއްސުތައް ހޭލައްވާލާފަދަ މަސާޖެއްކޮށްދީފައި ވިޝާމް ފާޚާނާއަށް ވަނުމުން އަޒަލްގެ އަވަސްވެފައިވާ ހިތް މަޑުމަޑުންގޮސް ހަމަޔަކަށް އެޅުނެވެ. ނޭގިވެސް ވިޝާމް އަޒަލްގެ ހިތާއި ކުޅެލައިފިއެވެ.
ހައިކަލްއާއި ސަލްވާ ސްނޯގެ ތޫފާނުގައި ގޭގައި ބަންދުވެގެން ތިބިއިރު ކިތަންމެ ވަރަކަށްވެސް އެކަމުގެ އުފާ ހޯދިއެވެ. ހަނީމޫން ޖޯޑަކަށް ލިބޭނެ އެންމެ ބޮޑު ނަސީބަކީ އެފަދަ އެކަހެރި މިނިވަން ފިނި މާހައުލެކެވެ. ކޮންމެކަމެއްވެސް އޭގެ ހައްދު ފަހަނަޅާފައެވެ. އެދުވަހު ސަލްވާ ހައިކަލްއަށް އެތައް ލަވައެއް ކިޔާދިނެވެ. ހައިކަލްއަށް އަދި އެންމެ ފާހަގަވީ މައި ހާޓް ވިލް ގޯ އޮން ކިޔާދިން ގޮތެވެ. ހިތުގައި ބީހިލިފަދައެވެ. ސަލްވާ އަދި ހައިކަލް ލައްވާ ލަވަކިޔުއްވަން އެދުމުން ހައިކަލް ބުނީ އޭނަ ލަވަ ކިޔަން ސަލްވާ ގާތުން ދަސްކުރާނީކަމަށާއި ކޮންމެވެސް ދުވަހަކުން ކިޔާދޭނެކަމުގައެވެ. ސަލްވާގެ އަދި އެންމެ ލޯބި ތަންކޮޅަކީ ލަވަ ކިޔާނިމިގެން ދީނުގައި މިއުޒިކް ހުއްދަނޫންކަމަށް ބުނެ ގުރުއާނުގެ އާޔަތާއި ހަދީސް ކިޔާދީފައި މާނަ ކިޔައިދިނުމުންނެވެ. މިއުޒިކާއި ނުލާ ލަވަ މިގޮތަށް ކިޔާދިނުމަކީ މައްސަލައެއްނޫނެވެ. ސަލްވާ ބުނިގޮތުން އޭނަވެސް އެކަން ނޭގުނުއިރު ލަވަ އަޑުއެހިއެވެ. ދަސްވީވެސް އެހެންވެއެވެ.
ތޫފާން މައިތިރިވުމުން ހައިކަލް ސަލްވާ ގޮވައިގެން ތަންތަން ބަލައިލަން ދިޔައެވެ. ސްނޯމޮބައިލް ދުއްވާ އުޅުނެވެ. އެއީ ތަފާތު ތަޖުރިބާއެކެވެ. ސްކޭޓްކުރަން ހައިކަލް ދަސްކޮށްދިންއިރު އެގާތްކަންވެސް ސަލްވާއަށް އިތުރަށް ލިބުނު ހިތްހަމަޖެހުމަކަށްވިއެވެ. ހައިކަލް ކައިރިން އެގޮތަށް ކިތައް އާކަންތަކެއް ދަސްކުރެވިއްޖެ ހެއްޔެވެ؟ ކޮންމެ ހިދުކޮޅެއް ވޭތުވަނީ ހިތްހަމަޖެހިގެންނެވެ. އެއްރޭ ގޭގެ އެއްފަރާތުގައި ޓިޕީއެއް ޖަހައިގެން ބޮޑު އަލިފާންގަނޑެއް އަންދައިގެން ވާހަކަދައްކާލަން ތިބިއިރު ހަނދުގެ އަލިކަން ފާޅުވާން ހުއްޓެވެ. ހަނދުވަރުގެ އަލި ސްނޯއިން ފޮރުވިފައިވާ ބިންގަނޑަށް އެޅިފައިވާއިރު ހުރިހާތަނެއް ވިދައެވެ. ހާދަ ހިތްގައިމެވެ. ހައިކަލްގެ އަތުތެރޭގައި އަބަދަށް އެހެންވާނެނަމައޭ ސަލްވާގެ ހިތަށް އެރިއެވެ. އެރޭ ނިދީވެސް ޓިޕީގައެވެ. އަދި ސްނޯއިން ހުދުވެފައިވާ މަގުގައި އަތުގައި ހިފާލައިގެން ހިގާލަން ދިޔުމާއި ސްނޯ ބޯޅަކުޅުމަކީ އެންމެ ރޮމެންޓިކް ހިތުން ނުފިލާނެ އެއް ހަދާނެވެ. ހޫނު ކޮކޯ ބޯލަން އުނދޯލީގައި ތިބުން އަދި ގަނޑުވެފައިވާ ކޯރުކައިރީގައި ޕިކްނިކް ހަދާލުމާއި ރީތި މަންޒަރުތައް ފޮޓޯނަގަން ދިޔުންވެސް އެހާ ހިތްގައިމެވެ. ލޯބިވާ ވާހަކަ ނުބުނާކަން އެކަނިއެވެ. ހައިކަލް ސަލްވާއާއި އަޅާލިއެވެ. ފިރިއެއްގެ ހުރިހާ ޒިންމާތަކެއް ނެގިއެވެ. ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އެއްވެސް ކަމެއް އުނިވިޔަކަނުދެއެވެ. ނުވީތާކަށް އެމެރިކާގައި އުޅޭ އެ އާއިލާގެ މީހުންނާއި ބައްދަލުކުރުވަންވެސް ގެންދިޔައެވެ.
ވިހި ދުވަހުގެ ދަތުރަކަށްފަހު މާލެ އާދެވުމާއިއެކު ސަލްވާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ފިންޏާއި ހަގުރާމަކޮށްކޮށް ބަލިވެފައި ހުއްޓާ ހޫނުގަދަ މާލެއަށް އާދެވުމުން އަރާމުވިއެވެ. އެހޫނުކަމާއި ގަޔާވެވުނެވެ. ނަމަވެސް އެނޫނީ މާލޭގައި ކަމުދާ އެއްވެސް ކަމެއްނެތެވެ. ދެން ދިމާވާނެ އުދަގޫތައް ސަލްވާއަށް ނޭގެނީއެއް ނޫނެވެ. ރޯޒްމެހެލްގައި ފައި އެޅުމާއިއެކު މެހެރީނާ ހަގުރާމަ އިއުލާންކުރާނެކަމީ އިރު ފެންނަފަދައިން ފާޅުވާކަމެކެވެ. އެމެރިކާގައި އަބަދަށް އުޅެވޭނެމައޭ ހިތަށް އެރިޔަސް ހައިކަލް ކައިރީ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އަދިވެސް ހައިކަލްގެ ހިތްވެސް ސަލްވާއަށް އެނގެނީއެއްނޫނެވެ. ހައިކަލް އަންގާވެސް ނުލާ ސަޕްރައިޒެއް ދޭންވެގެން އައުމުން ހުރިހާ އެންމެނަށް ލިބުނީ ހަގީގަތުގައި ވަރަށް ބޮޑު އުފަލެކެވެ. އަޒަލްއާއި އާޒީންވެސް ދުވެފައި އައިގޮތަށް ބައްޕަގެ ގައިގާ އޮޅުލައިގަތްތަނާ މެހެރީނާވެސް ނުކުމެ ބައްދައިލީ ހައިކަލްގެ ގައިގައެވެ. އަބުދުލްއަޒީޒުއާއި ޒައިތޫންވެސް ނުކުމެ ހައިކަލްގެ ގައިގާ ފިރުމަފިރުމާފައި އުޅުނެވެ. ސަލްވާ ހުރީ އެއްކައިރީގައި އެމަންޒަރު ބަލާށެވެ. އެންމެން އެހާ އުފާވެގެން އުޅެނީ ކޮންކަމަކާހެއްޔެވެ؟ ފަހުން ވިސްނުނީ ސްނޯ ތޫފާނުގެ ސަބަބުން އެތައް ބަޔަކު މަރުވީއިރު ހައިކަލްމެން ސަލާމަތްވެގެން އައުމުން އެއާއިލާއަށް ލިބިފައިވާ އުފާ ފާޅުކުރީކަމެވެ. އެގަޑީގައިވެސް ގޭގައި ނެތީ މާއިޒްއާއި ވިޝާމްއެވެ. ޑިއުޓީގައި ކަމަށް ވެދާނެއެވެ.
އެހެން މީހުން ހައިކަލްއާއި ވާހަކަދައްކަން ފެށުމުން އާޒީންއާއި އަޒަލް ސަލްވާގެ ކައިރިއަށް އައެވެ. އަޒަލް ޖޯޝާއިއެކު ސަލްވާގެ ގައިގާ ބައްދާލިއެވެ. ދަތުރު ކިހިނެއްހެއްޔޭ އަހާލިއެވެ. ތިންކުދިން އެއްފަރާތުގައި ވާހަކަދައްކަން ތިބިކަމުން ސަލްވާ ބާކީވާގޮތެއްނުވިއެވެ. އެކަމާއި މެހެރީނާ ވަރަށް ފޫހިވިއެވެ. ކަޅިއަޅާލެވުނެވެ. ސަލްވާގެ މޫނަށް ބަލާލުމުން ހިތް އަނދާވަރުވިއެވެ. ކުރިއަށްވުރެ ދެލޮލުގެ އުޖާލާކަން އިތުރުވެ ވިދާފަދައެވެ. ތުންފަތުގައި ކުލަނެތް ލިޕް ގްލޮސްލާފައި ހުރިއިރުވެސް ރަތްކަމުން ލޭފައިބާވަރުވެއެވެ. މުޅިމޫނު އެހެރީ ޖަންބުކުލައިގައެވެ. ދޮންބެއާއި ސަލްވާގެ ގުޅުމެއް ނެތްކަން ހިތަށް ވިސްނައިދޭން އުޅުނަސް އެކަމެއްނުވިއެވެ. އެކަހަލަ ތޫފާނެއްގައި އަންހެނަކާއި ފިރިހެނަކު އެކަނި ތަޅުލެވިފައި ތިބެއްޖެއްޔާ ދުވަހަކު ނުދަންނަ ބީރައްޓެހިންވެސް ގާތްވެއެވެ. ފިލްމާއި ވާހަކަތަކުން އެގޮތް ހިގާފައިވާއިރު ސަލްވާކަހަލަ ނުލަފާ އަންހެނަކު މަޑުން ނުވެސް ހުންނާނެއެވެ. އެކަހަލަމީހުން ފިރިހެނުން ގެ ހިތް އަތުލަން ކުޅަދާނަވާނެއެވެ. އެންމެން ތިއްބާ ދަމާ ނެރެންވެސް މެހެރީނާގެ ޟަމީރު އޭނައަށް އެންގިއެވެ.
"ޝީޒް އެ ސްލަޓް....." މެހެރީނާ ހަށަން ބަދެލަމުން ފުންނޭވައެއްލިއެވެ. އެހެން ބުނެވުނީ ބާރަށް ކަމުގައިވިޔަސް ހައިކަލްމެންނަކަށް ފާހަގައެއްނުވިއެވެ. އެވަގުތު ކޮންމެވެސް މީހަކު ބެލްޖެހުމުން މެހެރީނާ ދޮރު ހުޅުވާލައިފިއެވެ.