18 Jul 2011, 13:44
ހުޅުމާލޭ ގައި ބީލަމުގެ އުސޫލުން ވިއްކުމަށް މިދިޔަ މަހު ހުށައެޅި 150 ގޯއްޗަށް 613 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ގޯއްޗަށް އެދޭ ފޯމް ހުށައަޅާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރަވެޓް ލިމިޓެޑް (އެޗްޑީސީ) އިން ބުނެފި އެވެ.
އެ ކޯޕަރޭޝަންނުން އިއްޔެ ނެރުނު ނޫސްބަޔާން ގައި ބުނަނީ، އަތިރިމައްޗާ ކުރިމަތިން ވިއްކާ 36 ގޯތި ގަތުމަށް 103 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، އަތިރިމައްޗާ ކައިރިން ވިއްކާ 114 ގޯތި ގަތުމަށް 510 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. މި 150 ގޯއްޗަށް އެދޭ ފޯމް ދޫކުރުން ކުރިޔަށް ގެންގޮސްފައި ވަނީ މިދިޔަ މަހު 26 ޖޫން އިން ޖުލައި 07 އަދި ޖުލައި 11 އިން 14 އަށެވެ.
މިގޮތުން އަތިރިމައްޗާ ކުރިމަތިން ވިއްކާ 36 ގޯއްޗަށް ބީލަން ހުށައެޅުމަށް ހަމަޖެހިފައިވަނީ، އަންނަ ބުދަ ދުވަހު ކަމަށާއި، އަތިރިމައްޗާ ކައިރިން ވިއްކާ 114 ގޯއްޗަށް ބީލަން ހުށައެޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ކަމަށެވެ. ދެވުވަހުސް ވެސް ފޯމް ބަލައިގަންނަން ހަމަޖެހިފައިވަނީ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލްގައި ހެނދުނު 9:00 އިން 13:00 އަށް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އަދި ބީލަން ހުށަހަޅައި ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ގަޑިއަށް ފޯމް ހުށަހަޅުމަށް ސަމާލުކަން ދިނުމަށާއި، ކަނޑައެޅިފައިވާ ވަގުތައްވުރެ ފަހުން އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެފައިވެ އެވެ.