09 Jul 2017, 21:22
އަންނަ އޯގަސްޓު މަހު ދެވަނަ ދުވަހުގެ ރޭ އޮލިމްޕަހު ސްކްރީނުގައި އެޅުވުމަށް ތައްޔާރުވަމުންދާ ''ނޯޓީ 40"ގެ ޓިކެޓް މާދަމާ މެންދުރުފަހު ވިއްކުމަށް އެ ފިލްމުގެ ޓީމުން ތައްޔާރުވެއްޖެއެވެ.
އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން، މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީޢު ލިޔެ އަދި ޑައިރެކްޓްކުރާ މިއަހަރުގެ "އެންމެ ބޮޑު ފިލްމު" ކަމުގައިވާ "ނޯޓީ 40"ގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ، މާދަމާ މެދުރު ފަހު 14:00އިން ފެށިގެން އޮލިމްޕަހުންނެވެ.
އިސްމާއިލް ޝަފީގާއި ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކުރާ ކޮމެޑީ ފިލްމު "ނޯޓީ 40"ގެ ޓިކެޓް ވިއްކާއިރު، އެ ފިލްމުގެ ޕްރިމިއަރ ނައިޓުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ވަރަށް ޚާއްސަ ހަދިޔާއެއް ވެސް ދިނުމަށް ހަމަޖެހިފައި ވެއެވެ.
ނޯޓީ40ގެ ޕްރިމިއަރ ޝޯގެ ޓިކެޓެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 200 ރުފިޔާއަށެވެ. އަދި ދެންހުރި ޝޯތަކުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ.
"އަޅުގަނޑުމެންނަށް އޮލިމްޕަސް ލިބުނީ، 15 ޝޯއަށް. އެއީ އޯގަސްޓް ދޭކުން ފެށިގެން 17އަށް،" ޝަފީގު ބުންޏެވެ.
"އިތުރު ޝޯތަކެއް އަޅުވަން ބޭނުންވި ނަމަވެސް އަދި އެކަން ހަމައެއް ނުޖެހޭ. އޮލިމްޕަސް ނުލިބޭތީ މައްސަލައަކީ. ވަރަށް ފުލްކޮށް ދަނީ."
ނޯޓީ 40ގެ ޕްރޮޑިއުސަރު ޝަފީގު ބުނީ، މިމަހު 14 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނޯޓީ 40ގެ ހާއްސަ ހަފްލާއެއްގައި، ދިވެހި ކޮމެޑީ ފިލްމުބައިވެރިޔާގެ ޚާއްސަ ޝޯއެއް ދެއްކުމަށް ހަމަޖެހިފައިވާއިރު ނޯޓީ40ގެ ޕްރިމިއަރ ނައިޓުގެ ޓިކެޓް ގަންނަ ފަރާތްތަކުން ގަންނަ ކޮންމެ ޓިކެޓަކާއެކު ބައިވެރިޔާގެ ޓިކެޓެއް ހިލޭ ލިބޭނޭ ކަމަށެވެ.
"ނޯޓީ40ގެ ޓީކެޓް ބައްލަވައިގަންނަ ފަރާތްތަކަށް، އަޅުގަނޑުމެންގެ މިދިޔަ އަހަރުގެ ކޮމެޑީ ފިލްމު 'ބައިވެރިޔާ' ބަލައިލުމަށް ފުރުސަތެއް މިދެނީ. އެއީ ހަމަ މުޅިން ހިލޭ،" ޝަފީގު ބުންޏެވެ.
"ނޯޓީ 40" އަކީ މިހާތަނަށް ދިވެހި ފިލްމީ އިންޑަސްޓްރީގެ ނަން މަޝްހޫރު އެންމެ ގިނަ ފަރާތްތަކެއް އެއް ފިލްމަކުން މިފަދަ ގޮތަކަށް ފެނިގެންދާ ފުރަތަމަ ފިލްމެވެ. މިސަބަބާހުރެ މިއީ މިއަހަރުގެ "އެންމެ ބޮޑު ފިލްމު" ކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ.
މިފިލްމުގެ އެއް އެކްޓަރު އަދި މި ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަހްމަދު ސައީދު ބުނީ، ނޯޓީ 40ގެ ޝޫޓިން އެއްކޮށް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ފިލްމުގެ ބެކް މިއުޒިކް ހެދުމުގެ މަސައްކަތް ކަމަށެވެ.
ނޯޓީ 40ގެ ބެކް މިއުޒިކް ތައްޔާރުކުރަނީ އަބްދުލް ބާސިތުއެވެ. މިއުޒިކް ޑައިރެކްޓަރަކީ އައްޔުމަން ޝަރީފެވެ.