ބާރަ އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ވަކީލުންނާ އޭނާ ބައްދަލުކުރެއްވުމަށް ގެންނައިރުވެސް ބިނޑިއަޅުވާފައި ހުންނަ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު މާފަންނު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމްރާނުގެ ގާނޫނީ ޓީމްގައި ހިމެނި ވަޑައިގަންނަވާ އަލީ ޒާހިރު ވިދާޅުވީ، އޭނާގެ މުވައްކިލުގެ އަދަބު އިތުރަށް ބޮޑުކުރުވުމުގެ ގޮތުން މިހާރު ހުންނެވީ މާފުށީ ޖަލުގެ ކުޑަ ގޮޅިއަކަށް ބަދަލުކޮށްފައި ކަމަށެވެ. އަދި އެއީ އިންސާނިއްޔަތާ ހިލާފް ކަމެއް ކަމަށް ވެސް އަލީ ޒާހިރު ތުހުމަތު ކުރެއްވިއެވެ.

"މިއަދު އިމްރާނާ ބައްދަލުކުރި ވަކީލު އަޅުގަނޑަށް މައުލޫމަތު ދިން ގޮތުގައި ވަކީލް ބައްދަލުވުމަށް ވަޑައިގެން އިރުވެސް ހުރީ ބިޑިއަޅުވާފައޭ. އެއީ މީގެ ކުރިން ކުރާ ކަމެއް ނޫން،" އަލީ ޒާހިރު ވިދާޅުވިއެވެ.

އިމްރާނަށް ދީފައިވާ އިނާޔަތްތައް ކަނޑާލީ ވެފައިވާ އެއްބަސްވުމާ ހިލާފަށް މީޑިއާއަށް އިންޓަވިއު ދިނުމުން ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވަކީލުންނާ ބައްދަލު ކުރެއްވުމަށް ގެންދަވާއިރު ބިޑިއަޅުވާފައި ހުންނަވާކަމަށް ތުހުމަތުކޮށް އަލީ ޒާހިރު ވަނީ މީޑިއާއަށް އިންޓަވިއު ދެއްވުމުން އިމްރާންގެ ނުރައްކާތެރިކަން އިތުރުވާނެތޯއޭ ބުނެ ސުވާލު އުފައްދާފައެވެ.

"މިކަންކަމުން އަޅުގަނޑުމެނަށް ދޭހަކޮށްދެނީ މިއީ ކަނޑައެޅިގެން ޖެއްސުން ކުރުމުގެ ގޮތުން ހަސަދަވެރިވުމުގެ ގޮތުން ކުރެވެމުންދާ ކަންކަން. އެހެންވީމަ މިކަންކަން މިހިނދުން މިހިދަށް ހުއްޓާލައި ކަމާބެހޭ މުއްސަސާތަކުން މިކަންކަމަށް ފާރަވެރިވެ ބައްލަވައިދިނުމަށް ވެސް އެދެން،" އަލީ ޒާހިރު ވިދާޅުވިއެވެ.