މާލޭ ލީގުގެ ދެވަނަ ބުރުގައި ކްލަބު ވެލެންސިއާ އަތުން ޕޮއިންޓެއް ހޯދައި، ޕްރިމިއާ ލީގުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއިން ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މާޒިޔާއާއި ވެލެންސިއާ ބައްދަލުކުރި މެޗު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވި ނަމަވެސް، މިހާރު މާޒިޔާއަށް ގަދަ ހަތަރެއްގެ ޖާގައެއް ގެއްލޭނެ އެއްވެސް ގޮތެއް ނެތެވެ. މާޒިޔާގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވެސް ވަނީ ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މާލޭ ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، އެއްވަނާގައި މާޒިޔާ އޮތީ ކުޅުނު 12 މެޗުން ލިބުނު 26 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ނިއުއަށް 12 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، މިއަދު މާޒިޔާއާ ދެކޮޅަށް ނުކުތް ވެލެންސިއާ ވަނީ ތިން ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައަށް ޖެހިލައިފައެވެ. ވެލެންސިއާއާއި އަށްވަނާގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް، ވެލެންސިއާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވަނީ މާޒިޔާއިންނެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން މުހައްމަދު އުމައިރު ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، ސަމޫހު އަލީ ނަގައިދިން ހުރަހަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ އެލެކްސެންޑާ ރަކިޗް ބޮލުން ފޮނުވާލި ހަމަލާ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ވެސް މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާއަށް ލިބުނު ކޯނަރު ވެލެންސިއާގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއު ނުކުރެވުމާ ގުޅިގެން ޕެނަލްޓީ އޭރިޔާ ތެރެއިން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް ލިބުނު ބޯޅައިން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މާޒިޔާއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 54 ވަނަ މިނެޓުގައި އަސައްކޮ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިޔާ ތެރެއިން އުމައިރު ބޮލުން ފޮނުވާލި ހަމަލާ ކީޕަރު ފައިސަލް ދިފާއުކުރިއިރު، އަސައްކޮގެ ހުރަހަކުން ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ އުމައިރު ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ވެލެންސިއާއަށް މެޗުގައި ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމުގެ އަހްމަދު ރިލްވާން (ރިލޭ)އަށް ލިބުނު ފުރުސަތެވެ. މުހައްމަދު ފުހައިދު ނަގައިދިން ހުރަހަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ރިލޭ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް މާޒިޔާގެ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އުމައިރު ދިން ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ފަހުން ވެލެންސިއާގެ ބިދޭސީ ފޯވަޑް އޮމޮދޫ ގޮޑްފްރޭ ވެސްޓް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައިވެއެވެ. އެހެންނަމަވެސް، އޭގެ ފައިދާ ނަގައި މާޒިޔާއަށް ވެލެންސިއާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.