09 Jul 2017, 16:52
މިފްކޯއަށް މަސް ގަންނަ އަގު ކިލޯއަކުން އެއް ރުފިޔާ ބޮޑުކޮށްފިއެވެ.
މިފްކޯއިން މިއަދު އެސްޓީއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިފްކޯގެ ޗެއާމަން އަދި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯއިން މިހާރު ދެ ފަހަރެއްގެ މަތިން ތެލުގެ އަގު ހެޔޮކޮށްފައިވާ ކަމަށާއި، އިންޓަނޭޝަނަލް މާކެޓުގައި މަހުގެ އަގުވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.
"މިފްކޯގެ ބޯޑުން މިއަދު ނިންމީ، މާދަމާއިން ފެށިގެން މަސްވެރިން އަތުން ގަންނަ ކޮންމެ ކިލޯއަކަށް އެއް ރުފިޔާ އިތުރުކޮށްގެން ގަތުމަށް،" ޝަހީރު ވިދާޅުވިއެވެ.
މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ވިދާޅުވީ، މިއަދާ ހަމައަށް މިފްކޯއިން މަސް ގަންނަމުން އައީ އައިސް ނުކުރާ މަސް ކިލޯޢެއް 17 ރުފިޔާޢަށް، އަދި އައިސް ކުރި މަސް ކިލޯއެއް 19 ރުފިޔާއަށް ކަމަށެވެ.
އެހެންކަމުން މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނާނީ އައިސް ނުކުރާ މަސް ކިލޯޢެއް 18 ރުފިޔާއަށް، އަދި އައިސް ކުރި މަސް ކިލޯއެއް 20 ރުފިޔާޢަށެވެ.
އަދުލީ ވިދާޅުވީ، މީގެ ކުރިން މަހުގެ އަގު ދަށްވެގެން ދިޔަ އިރުވެސް މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ކުޑަ ނުކުރާ ކަމަށެވެ. ނަމަވެސް މިހާރު ފްރޯޒެން ޓޫނާގެ މާކެޓު ހަމައަކަށް އެޅެމުންދާ ކަމަށާއި، މިއަހަރު ކުރިޔަށް ލަފާކުރެވޭ ގޮތުގައި އެ އަގުތައް އޮންނާނީ ރަނގަޅަށް ކަމަށެވެ.
ސަރުކާރުން މިދިޔަ އަހަރު ވަނީ މިފްކޯ، އެސްޓީއޯގެ ދަށަށް ގެންގޮސްފައެވެ. އެއީ އެސްޓީއޯގެ 99.99 ޕަސަންޓު ހިއްސާއާއި، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެލައިޑް އިންޝުއަރަންސްގެ 00.01 ޕަސަންޓުގެ ހިއްސާއާ އެކުގައެވެ.